ކުޅުދުއްފުށީ ސިޓީގައި ރޭގައި ހިނގި މާރާމާރީއެއްގައި ޒުވާނަަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާ ކަމަށް ރޭ 20:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ ޒުވާނާ ރޭ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނެގޮސްފައިވަނީ ރޭ 09:50 ހާއިރު ކަމަށެވެ. އަދި އެ އޭނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެ މާރާމާރީގައި އެ ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމުން، އިތުރުފަރުވާއަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަށްވަމުންނެވެ. މިގޮތުން މިއަދު 13:30ގައި ހަނިމާދޫން ފުރާ ފްލައިޓުން އެ ޒުވާނާ މާލެ ފޮނުވާލަން ވަނީ ހަމަޖެހިފަކަމަށް ކޭއާރުއެޗްއިން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ސިޓީއަކީ ބޮޑު އާބާދީއެއް ހިމެނޭ ތަނަކަށް ވިޔަސް އެ ސިޓީ ފާހަގަ ކުރެވެނީ ކުށްމަދު އަމާން ސިޓީއެއްގެ ގޮތުގައެވެ. ފަހުގެ ތާރީޚްގައި މިފަދަ ހާދިސާއެއް އެ ސިޓީގައި ހިނގާފައެއް ނުވެއެވެ.