ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރަށްވާފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެންމެފަހުން ކުރި ގަދަ ވިއްސާރައިގައި ވެސް ރަށްރަށުގެ ފަޅުން ބޭރުގައި އަޅާފައިހުރި ގިނަ އަދަދެއްގެ އޮޑިފަހަރު ކަހާލައިގެން ގޮސް ފަރުމައްޗަށް ލެއްގުމުގެ ހާދިސާތައް ހިނގިކަމަށެވެ. އެހެންކަމުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މިހާރު ވިއްސާރައިގައި، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާތީ ޚާއްޞަގޮތެއްގައި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ހަވާލުވެ ތިބި މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރަށްވާފަ އެވެ.
ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.
"އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމެވެ. މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ޤަވާޢިދުތަކަށް އަމަލުކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ދަންނަވަމެވެ."
އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިލަށްވާފައެވެ.
މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރެއްވިއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 20:00އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!