ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު އިންތިހާބު ވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑްގައި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން ތަމްސީލު ކުރާނެ ބޭފުޅަކަށް ނިމާލު އިންތިޚާބުވެފައިވާ ކަމަށް މިރޭ ރަސްމީކޮށް ޢިއުލާން ކުރަށްވާފަ އެވެ.

Ad
rt

އީސީން ވިދާޅުވީ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ އެއް މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކަމަށެވެ.

އެހެންކަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުކަމުގެ މަޤާމަށް، ކ.އަތޮޅު ކައުންސިލްގެ ރައީސް، މ. ކޮކާހަނދުވަރު / މާލެ, މުޙައްމަދު ނިމާލް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގާ ކަމަށެވެ.

އެ މަގާމަށް ނިމާލާއި ވާދަކުރަށްވަން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ކުރިމަތިލެއްވިއެވެ. ނަމަވެސް ބަަޝީރު އެ މަގާށް ކުރިމަތި ލުމަށް ފޯމު ހުށަހެޅުއްވީ 4 މިނެޓް ލަހުންކަމަށް އީސީގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ހިމަނުއްވާފައިވާ މައުލޫމާތުން ފެންނަން އޮވެއެވެ.

ޝަރީފު މިއަދު ކުރެއްވި އެ ޓްވީޓެއްގަިއ ވިދާޅުވީ އެލްޖީއޭގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 24 މޭ 2021 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާފައިވާ ފޯމުތައް ބަަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ.

އެލްޖީއޭފެ ބޯޑްގައި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން ތަމްސީލު ކުރެއްވުމަށް އިންތިޚާބުވި ނިމާލަކީ ޕީޕީއެމްއަށް ނިސްބަވްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ބަޝީރު ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީއަށެވެ.