ހދ .ނޭކުރެންދޫން 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭކުރެންދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ މައުލޫމާތު އެނގޭގޮތުގައި، ހޯމްކަރަންޓީނުގައި ތިބި 5 ފަރާތެއްގެ ކިބައިން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނުމާ ގުޅިގެން ނެގި ސާމްޕަލްވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެެވެ.

Ad
rt

މި 5 ފަރާތް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރު 14 ދުވަހުގެ މުއްދަތަށް މިފަރާތްތައް ތިބި 2 ގެއެއްވަނީ ކަރަންޓީނުކުރެވިފައެވެ.

މީގެ އިތުރުން، ކޯވިޑުގެ އަލާމަތްްތައް ފެނިގެން ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ސާމްޕަލްވަނީ އެރަށުން ޕޮޒިޓިވްވެފައެވެ.

ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް ފިޔާޒް "ތިލަދުން" އަށް މަޢުލޫމާތުދެމުން ވިދާޅުވި ގޮތުގައި، ކޯވިޑުގެ އަލާމަތްްތައް ފެނިގެން ޑޮކްޓަރަށް ދެއްކި ފަރާތަކީ ހޯމް ކަރަންޓީނު ކުރެވިފައިވާ ފަރާތެއް ނޫންކަމަށާއި އަދި ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ކަމަށް އަދި ސާފްވެފައިނުވާކަމަށެވެ.

"އަލަމާތްތައް ފެންނާތީ ޑޮކްޓަރަށް ދެއްކުމުން އައިސޮލޭޓް ކޮށްފަ ބެހެއްޓި. އޭގެ ދެތިން ދުވަސްް ފަހުން ސާމްޕަލް ނެގީ. ދެން ސާމްޕަލް ޕޮޒިޓިވް. އެއީ ރަށުގަ އުޅޭ ފަރާތެއް" ފިޔާޒް ވިދާޅުވިއެވެ.

ނޭކުރެންދޫ މިހާރު އޮތީ މޮނިޓަރިން ހާލަތުގަގައެވެ. އެހެންކަމުން، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވާ ގޭގަ މަޑުކުރުމަށާއި، ކޮންޓެކްޓް ޓްރޭސިންނަށް އެއްބާރުލުން ދިނުމަށް ފިޔާޒް އެދިލައްވައެވެ. އަދި، ޕޮޒިޓިވްވި ފަރާތްކާއި ކޮންޓެކްޓްވެފަ ވާނަމަ، ވީއެންމެ އަވަހަކަށް އެ މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.