މިމަހުގެ ފަނަރަވަނަ ދުވަހު ފަށައިގެން މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖް 2019 ގެ ހދ އަތޮޅުގެ ގުރޫޕް 2 ގައި މިރޭ ކުޅުނު މެޗުން ކުޅުދުއްފުށީގެ މަށްޗަށް ނެއްލައިދޫއިން ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކުރި ހޯދައިފިއެވެ. ނެއްލައިދޫއިން މިމެޗް ކާމިޔާބުކޮށްފައި ވަނީ 5-1 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީވެސް ނެއްލައިދޫއިންނެވެ. މި ގޯލް ނެއްލައިދޫއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިޝާމެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުޅުދުއްފުށީ ޓީމްގެ އަރުޝަދު ހަސަން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިއީ މިމެޗަގައި ކުދުފުއްޓަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލެވެ. ފަހު ހާފްގައި ވަނީ ނެއްލައިދޫގެ ފަރާތުން ހަތަރުގޯލް ފެނިގެން ގޮސްފައެވެ. އަދި މުޅި މެޗްގައިވެސް މޮޅުކުޅުމެއް ދެއްކި މުހައްމަދު ވިޝާމް ވަނީ ފަހު ހާފްގައި އިތުރު ދެގޯލް ކާމިޔާބުކޮށް މިމެޗްގައި ހެޓްރިކް ހަދާފައެވެ.
ނެއްލައިދޫގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު ހަސަން އަދި އަހުމަދު ރީހާނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިމެޗްގައި ހެޓްރިކް ހެދި މުހައްމަދު ވިޝާމެވެ. މުޅިމެޗްގައިވެސް މޮޅަށްކުޅެ މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ނެއްލައިދޫ ޓީމަށް ލީޑު އިތުރަށް ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ.
މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗްގައި މިމަހުގެ ފަނަރަ ވަނަ ދުވަހު ނެއްލައިދޫ އަދި މަކުނުދޫ ބައްދަލުކުރި މެޗް ނިމުނީ 3-3 ން ދެ ޓީމް އެއްވަރު ވެގެނެންނެވެ. އެހެން ކަމުން މިރޭގެ މެޗާއިއެކު ނެއްލައިދޫވަނީ ދެ މެޗް ކުޅެ ޖުމްލަ ހަތަރު ޕޮއިންޓް ހޯދާފައެވެ.
މި ގުރޫޕްގައި ހިމެނޭ މަކުނުދޫ އަދި ކުޅުދުއްފުށިން ކޮންމެ ޓީމަކުން އެއްމެޗް ކުޅެފައި ވާއިރު މަކުނުދޫއަށް އެއް ޕޮއިންޓް އަދި ކުޅުދުފުއްޓަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ. މިގުރޫޕްގެ ފަހު މެޗްގައި މިމަހުެ 23 ވަނަ ދުވަހުގެރޭ ބައްދަލު ކުރާނީ ކުޅުދުއްފުށި އަދި މަކުނުދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!