ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑް ހޯދައިފިއެވެ.
އެތުލެޓިކޯއިން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލީގުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
އެތުލެޓިކޯއިން ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މިވަނީ ދެވަނާގައި އޮތް ރެއާލްއަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގުގެ ފަހު މެޗުތައް އެއްވަގުތެއްގައި ކުޅެފައިވާއިރު ރެއާލް ވަނީ ވިޔަރެއާލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ތިންވަނާގައި އޮތް ބާސެލޯނާ ވެސް ވަނީ އެ ޓީމް ކުޅުން މެޗު ކާމިޔާބު ކޮށްފައެވެ. ބާސާއާއި އެއިބާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ބާސާ މޮޅުވެގެންނެވެ.
ލީގުގެ ފަހު މެޗަށް އެތުލެޓިކޯއިން ނުކުތްއިރު އެ މެޗު ކާމިޔާބު ކޮށްގެން ލީގު ކާމިޔާބު ކުރުމުގެ ފުރިހަމަ ބާރު އެ ޓީމައް އޮތެވެ. ރެލިގޭޝަން ޒޯންގައި އޮތް ވަޔަޑޮލިޑްގެ މައްޗަށް އެތުލެޓިކޯއިން ފަސޭހަކަމާއިއެކު ކުރި ހޯދާނެކަމަށް ބެލެވުނު ނަމަވެސް އެ ޓީމުން ވަނީ މެޗުގެ 18 ވަނަ މިނޓުގައި ލަނޑުޖަހައި އެތުލެޓިކޯ ޕްރެޝަރަށް ވައްޓާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އޮސްކާ ޕްލާނޯއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ވަޔަޑޮލިޑް ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި އެތުލެޓިކޯގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ރަނގަޅު ކުޅުމެކެވެ. މުޅި ޓީމެ އެޓޭކަށް ޖައްސައި ވަޔަޑޮލިޑަށް ބާރު ބޮޑުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށް އިތުބާރު ބޮޑުކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޮރެއާއެވެ. އޭގެ ދިހަ މިނެޓްފަހުން އެތުލެޓިކޯއިން ވަނީ ދެވަނަ ލަނޑުޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލުއިސް ސުއަރޭޒްއެވެ. މިއީ ސްއަރޭޒް ލީގުގައި މި ސީޒަންގައި އެތުލެޓިކޯއަށް ކާމިޔާބު ކޮށްދިން 21 ވަނަ ލަނޑެވެ.
މިއީ 2014 ވަނަ އަހަރު ފަހުން އެތުލެޓިކޯއަށް ލީގުގެ ތަށި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. ސްޕެނިޝް ލީގު އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެ ޓީމް 34 ފަހަރު ކާމިޔާބު ކޮށްފައިވާއިރު ވާދަވެރި ބާސެލޯނާއިން ވަނީ 26 ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ.
ހޮނހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހައު ކުރި ހޯދާފައިވަނީ ވިޔަރެއާލުންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޔެރިމި ޕިނޯއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ވިޔަރެއާލަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ތިން މިނެޓްގެ ތެރޭ ދެ ލަނޑުޖަހައި ރެއާލުން ވަނީ އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ފުރަތަމަ ލަނޑު ބެންޒެމާ ކާމިޔާބު ކޮށްދިންއިރު، މެޗުން މޮޅުވިލަނޑު ބެންޒެމާގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައި ވަނީ މޮޑްރިޗެވެ.
ލީގު ނިމުނުއިރު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު، ޗެމްޕިއަން އެތުލެޓިކޯއަށް 38 މެޗުން ލިބިފައިވަނީ 86 ޕޮއިންޓެވެ. ދެވަނާގައި އޮތް ރެއާލްއަށް 38 މެޗުން 84 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި އޮތް ބާސާއަށް ލިބިފައިވަނީ 38 މެޗުން 79 ޕޮއިންތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!