ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު ރާއްޖޭގައި ނެތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް "ތިލަދުން"އަށް ވިދާޅުވީ، އެ ޒުވާނާއާއިބެހޭ ޚަބަރެއް ލިބިފައިވޭތޯ ކައުންސިލްގެ ފަރާތުން އެރަށުގެ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ހޯއްދެވިކަމަށެވެ.
"އަޅުގަނޑުމެން މިދިޔަ ހަފްތާގައި ވާނީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ ބައްދަލުވުމެއް ބާއްވާފައި، އެއީ ރަށުގައި ހައްލުކުރަން ވެފައި ހުރިކަންކަން ހައްލުކުރުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް، އެ ބައްދަލުވުމުގައި މިރަށު ޒުވާނަކު ގެއްލިގެން ފުލުހުން ހޯއްދެވުމުގެ މަސައްކަތް ކުރަށްވާތީ އެކަން ގޮސްފައިއޮތް ހިސާބެއް އޮޅުން ފިލުވަން ސުވާލުކުރިން، ފުލުހުން ދެންނެވި އެ ޒުވާނާ ރާއްޖެއިން ފުރާފައިވާކަމަށް އެނގިފައިވާކަމަށް، އަދި އެނބުރި ރާއްޖެއައިކަމަށް އެނގެން ނެތްކަމަށް، އޭނާ ދިޔަ ވަކި ޤައުމެއް ވިދާޅެއްނުވޭ" ނަދީމް ވިދާޅުވިއެވެ.
މިސްބާޙް ފުރާފައިވަނީ ދުބާއީކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ފުލުހުންނާއި ހަވާލާދީ މިއަދު ރިޕޯޓްކޮށްފަ ވެއެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޭނާ ރާއްޖެއިން ފުރާފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފަވެއެވެ.
މިސްބާޙަކީ މަސްތުވާ ތަކެތީ ވަބާގައި ޖެހިފައިވާ ޒުވާނެއްކަމަށް އޭނާ ދަންނަ ނޮޅިވަރަންފަރު ބައެއް މީހުން ނަން ނުޖެހުމެއް ޝަރުޠުކޮށް މިނޫހަށް މައުލޫމާތު ދީފަވެއެވެ. އެމީހުން ކިޔައިދިން ގޮތުގައި އޭނާ ރާއްޖޭން ބޭރަށް ފުރިނަމަ ފުރާފައިވާނީ ވެސް ކޮންމެސް ބަޔަކު އެކަމުގެ އަޑީގައި ތިބެގެން އޭނާ މެދުވެރިކޮށް ކަމެއް ހާސިލް ކުރުމުގެ ބޭނުމުގައެވެ.
މިސްބާޙްގެ ޚަބަރެއް ނުވާތީ، ޢާއިލާއިން ފުލުހަށް އެކަން ރިޕޯޓް ކުރުމުން އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!