މި ހިނގާ މެއި މަހުގެ މެދު ތެރޭ މުޅިރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި، އެންމެ ބޮޑު އަސަރެއް ކުރި އެއް ސަރަހައްދަކީ ރާއްޖޭގެ އެންމެ އުތުރު ބިތުގެ ރަށްތަކަށާއި، ތިލަދުންމަތީގެ ބައެއް ރަށްތަކަށެވެ.
މުޅިރާއްޖެއަށްހެން ކުރި މި ވިއްސާރާގައި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވިއިރު، މެއި 14 ވަނަ ދުވަހަކީ ގަދަވަޔާއެކު، އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އޮރެންޖް އިންޒާރު ދިން ދުވަހެކެވެ. އެ އިންޒާރު ދީފައި އޮތީ ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށެވެ.
އެ ވިއްސާރާގައި އުފެދުނު ގަދަފަދަ ކޮޅި ގަނޑު ރާއްޖެއަށް ލައިގަނެ އެ ކޮޅިގަނޑުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްރަށަކީ ރާއްޖޭގެ އެންމެ އުތުރު ބިތުން ހއ. ހޯރަފުއްޓެވެ.
މެއި 13 ވަނަ ދުވަހުން ފެށިގެން ހޯރަފުއްޓަށް އުދައެރިއެވެ. ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ މަރުހަލާގައި، ގަދަފަދަކޮށް އެ ކޮޅިގަނޑުގެ އަސަރު މެއި 14 ވަނަ ދުވަހު ހޯރަފުއްޓަށް ކުރިއެވެ. އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވީ ޖެހިގެންއައި މެއި 15 ދުވަހުއެވެ.
ގަދަ ވިއްސާރާގައި ވެއްޓުނު ގަހެއް ނެގުމަށް ހޯރަފުށީ ރައްޔިތުން މަސައްކަތް ކުރަނީ، ހޯރަފުއްޓަކީ ވަރަށް އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއް
މެއި 14 ވަނަ ދުވަހުގެ ކޮޅި ގަނޑުގައި ހޯރަފުއްޓަށް ވަރަށް ބޮޑަށް އުދައެރިއެވެ. އުދައިގެ ލޮނުގަނޑު މުޅިރަށު ތެރެއަށް ދެމިގަތެވެ. އެދުވަހު ރައްޔިތުން ނުކުމެ ގެދޮރު ސަލާމަތްކުރަން ހޭބޯނާރާ މަސައްކަތް ކުރާން ޖެހުނެވެ.
އެދުވަހުގެ ކޮޅުގަނޑުގައި ހޯރަފުށީ ފަޅުތެރޭގައި އޮންނަ އިންނަފިނޮޅު ވެސް ވަނީ ދެ ބުރިވެފަ އެވެ. އިންނަފިނޮޅު ދެބުރިވެ އިތުރު ރަށެއް އުފެދިފައިވާއިރު ދެ ރަށް ދޭތެރޭގައި އިސްކޮޅު ނުކާވަރުގެ ފުންމިން ހުރިކަމަށް މައުލޫމާތު ލިބެއެވެ.
ފޮޓޯ: ރާއްޖެއެމްވީ
އިންނަފިނޮޅު ދެބުރިވެ، ރަށެއް އުފެދުމާއި ގުޅިގެން އިންނަފިނޮޅުގެ ތައާރަފެއް ދެއްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެފައި ވަނީ، ކޮޅިގަނޑުގެ ތެރޭގައި ދެބައިވި އިންނަފިނޮޅަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ބިލެތްދޫ ތިލަ ހިމެނޭ ސަރައްދުގައި ހޯރަފުށީ ފަޅު (ގުދަންފުށީ ފަޅު) ތެރޭގައި އެންމެ އުތުރަށް އޮންނަ ރަށެއް ކަމަށެވެ.
"އިންނަފިނޮޅާ އެންމެ ގާތުގައި އޮތީ ތާރީޚީ ގޮތުން މަޝްހޫރު ވަނގާރެވެ. ވަނގާރާއި އިންނަ ފިނޮޅާ ދެމެދު އޮތީ ވަނގާރު ކަނޑެވެ."
ރާއްޖެއެމްވީގައި ލިޔުއްވަމުން ސައްލެ ވިދާޅުވެފަ ވެއެވެ.
ގާތްގަނޑަކަށް ނުވަ މޭލު ބައި ދިގުމިނުގައި ހުންނަ ހޯރަފުށީ ފަޅުގައި ހޯރަފުއްޓާ އިންނަފިނޮޅާއި ދެމެދު މީގެ ކުރިން 5 ފަޅުރަށް އޮވެއެވެ. އަލަށް މި އުފެދުނު ރަށާއެކު ހޯރަފުށި ހިމަނައިގެން މިހާރު 11 ރަށް އެބައޮތެވެ.
މެއި 14 ވަނަ ދުވަހުގެ ގަދަކޮޅި ގަނޑުގެ އަސަރުކުރި އެންމެ ބޮޑަށް ކުރިއެއް ތަނަކީ ވެސް ހޯރަފުށީ އެއާޕޯޓެވެ. މެއި 13 ވަނަ ދުވަހު އެ އާޕޯޓްގެ ޓާމިނަލްގައި ފުރާމީހުންގެ ދޮރާށި އެއްކޮށްވެއްޓި ފުނޑުފުނޑުވެ، ޓާމިނަލް އިމާރާތުގެ ސީލިންގ ބައިތައްވެއްޓި ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އެއާޕޯޓް މުވައްޒަފުން ތިބޭބައިގެ ސީލިންގ ވެސް ވެއްޓުނެވެ.
މެއި 14 ވަނަ ދުވަހު އެރި އުދައިގެ ލޮނުގަނޑު ދިޔައީ ރަންވޭ ހުރަސްކޮށެވެ. މުޅި އެއާޕޯޓް ސަރަހައްދުގައި އޮތީ ލޮނެވެ. ރަންވޭ މައްޗަށް އޮތީ ވެލި އަރާފައެވެ.
މި ހާދިސާތައް ހިނގަން މެދުވެރިވީ އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑަކުންނެވެ. މެއި 15 ވަނަ ދުވަހު މި ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވިއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ "ޓައުޓޭ" އެވެ. އެރޭ ފަތިހު 5:00 ގައި އެ ތޫފާން ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައެވެ. އެ ތޫފާން ދަތުރު ކުރީ ރާއްޖެއާއި ދުރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!