ރާއްޖޭގައި އިތުރު ބޮޑު މަސް ފެކްޓްރީއެއް އަޅަން ނިންމައިފި އެވެ. އަދި އެ ކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސް ފެކްޓްރީގެ މަސައްކަތް މީޑިއާ އަށް ދައްކާލެއްވުމަށް ފަހު އެ ރަށުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމުރު ވިދާޅުވީ އާ ފެކްޓްރީ އެޅުމަށް ބޭނުންވާ ފައިސާ ބޭރުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

"އަޅުގަނޑުމެން މި ބަލަނީ އެ ފެކްޓްރީ ހުންނަންޖެހޭ އެންމެ ރަނގަޅު ސަރަހައްދު. އޭގަ ދެ ކަމެއް އެބައޮތް. އެއް ކަމަކީ މިހާރު ހުރި ފެކްޓަރީ އެކްސްޕޭންޑް ކުރަންޏާ ފަސޭހަތަކެއް އެބަހުރި. އެއީ މިހާރު ވެސް ލައިސަންސްތަކާއި އޮޑިޓްތައް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ހެދިފައި ހުރި ފެކްޓްރީއެއް ވީމަ. އެހެންވީމަ، މި ތަން [ފެލިވަރު] އެކްސްޕޭންޑް ކުރީމަ އޮޑިޓްކުރުމާއި ކަންކަމަށް ފަސޭހަވާނެ. މުޅިން އަލަށް ފެކްޓަރީއެއް ހަދާ ނަމަ ވަރަށް ދުވަސް ނަގާނެ ހުރިހާ ކަމެއް ކުރަން،"

އަމްރު މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

މިފްކޯ އަށް ގެއްލުންވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި މަސް ބަންދުކޮށް، ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީ ނެތި ތައިލެންޑަށް އެކްސްޕޯޓު ކުރަން ޖެހުމުން ނުއަގުގައި ވިއްކަން ޖެހުންކަމަށާއި އަދި ފެކްޓަރީ ހަދާނެ ވަކި ތަނެއް އަދި ކަނޑައަޅާފައި ނެތަސް، ފެލިވަރު މަސް ފެކްޓަރީ އިތުރަށް ބޮޑުކުރަން މިހާރު ވެސް ޖެހިފައިވާކަން އަމްރު ފާހަގަކުރެއްވި އެވެ.

"ހަގީގަތަކީ މިއަދު މަސްކިރާ ބޯޓުފަހަރުގެ ކެޕޭސިޓީ އަކީ ގާތްގަޑަކަށް 30 ޓަނު. މިއަދު އެންމެ މަސް ދޯންޏަކުން އެބަގެނޭ 30 ޓަނު. އެއް ދޯނީގެ މަސްކިރާލީމާ މިފްކޯގެ ކަލެކްޓާ ވެސެލް ފުރޭ. ދެން އޭތި އަންނަންވީ އަނެއްކާ އެހެން ދިމާއަކަށް ސްޓޯކުރަން. މިއީ ދިމާވެގެން އުޅޭ މައްސަލަ އަކީ. އަޅުގަނޑުމެންގެ ކަލެކްޓިން ވެސެލްތަކެއް ވެސް ބޮޑެއް ނުވޭ. ފްރީޒިން ކެޕޭސިޓީ ބޮޑެއް ނުވޭ. ސްޓޯރޭޖް ބޮޑެއް ނުވޭ. އެކަމަކު ރާއްޖޭގެ މަސް ދޯނިފަހަރު އިންތިހާ އަށް ބޮޑެތިވެގެން ހިނގައްޖެ،"

ފެލިވަރުގެ ހާލަތަށް އިޝާރާތްކުރައްވައި އަމްރު ވިދާޅުވި އެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް، ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް އަމްރު ވިދާޅުވި އެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމަކީ މަސްވެރިން ގެންނަ މަސް ގަނޑު ކުރެވޭނެ ގޮތާއި ގަނޑުކޮށްފައި ސްޓޯ ކުރެވޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަމަށް އޮތް ހައްލަކީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި ބަންދުކޮށް ވިއްކުންކަމަށާއި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެ ޓާގެޓަށް ކަމަށް އަމްރު ވިދާޅުވި އެވެ.