ޕްލާސްޓިކު ކޮތަޅުގެ މައްސަލައަކީ މިއަދު ތިމާވެށީގެ ގޮތުން ބަލާއިރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ބަލާލުމެއް ނެތި މޫދަށާއި ކަނޑަށް އުކާލެވޭ ޕްލާސްޓިކު ކޮތަޅުގެ ހިތި ނަތީޖާއަކީ ހަމައެކަނި މޫދުގެ ދިރުންތައް ތަހަންމަލު ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ ބޮޑަށް، އެ ދިރުންތަކަށާއި ކަނޑަށް ބަރޯސާވާ ނިކަމެތި އިންސާނުންވެސް އުފުލަންޖެހޭ ތަކުލީފަކަށް ދަނީ ވަމުންނެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ.

ރާއްޖޭގައިވެސް، މި ފާހަގަކުރި ޕްލާސްޓިކު ކޮތަޅު މަދުކުރުމުގެ ވާހަކަ، އެކި އިރު އެކި ވަރަށް ދެކެވެއެވެ. އެހެންނަމަވެސް، އެކަމަށް މާ އެދެވޭ މަސައްކަތްތަކެއް އަދި ކުރެވިފައި ނުވެއެވެ. އެހެންކަމުން، މިކަމުގައި އެހެން ޤައުމުތަކުގެ މިސާލަށް ބަލާލުމަކީ ނެތްކަމެއް ނޫނެވެ.

Ad
rt

އެފްރިކާގެ ޤައުމެއްކަމުގައިވާ ކެންޔާގައި ޕްލާސްޓިކް ކޮތަޅު މަނާކުރީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ކުރިން، ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އެޤައުމުގެ ސުޕަރމާކެޓުތަކުން އެކަނިވެސް ދުވާލަކު އެތައް މިލިއަން ކޮތަޅެއް ބޭރުކުރާނެއެވެ.

ކުރިން، އެޤައުމުގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، އިންސާނުން ކެއުމަށް އެޤައުމުގައި ކަތިލާ ނައަމްސޫފީގެ ބާވަތްތަކުގެ ބަނޑުންވެސް އެންމެ އާއްމުކޮށް ފެންނަ އެއްޗަކީ ޕްލާސްޓިކު ކޮތަޅެވެ. 50 އިންސައްތައަށްވުރެ ގިނަ ނައަމްސޫފީގެ ބަނޑުން ކޮތަޅު ފެނުންކަމަށް އޭރު ރިކޯޑު ކުރެވިފައިވެއެވެ.

މީގެ ދެ އަހަރުކުރިން މި ބާވަތުގެ ކޮތަޅު މަނާކުރުމުގެ އުސޫލަށް އަމަލު ކުރަން ފެށިފަހުން، އެޤައުމުގައި ޕްލާސްޓިކު ކޮތަޅު ބޭނުންކުރުން 80 އިންސައްތައަށް ދަށްކުރެވިފައިވާކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.

މިކަން އެޤައުމުން މި ކުރީ ކިހިނެއް؟

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް، އެބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ގަވާއިދުތައް އެކުލަވާލާފައިވެއެވެ. އެގޮތުން، ޕްލާސްޓިކް ކޮތަޅު އުފައްދާ، އިމްޕޯޓުކޮށް ނުވަތަ ވިއްކައިފިނަމަ 40،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ. ހަމައެހެންމެ، ހަތަރު އަހަރާ ހަމައަށް ޖަލުގައި ބަންދުވެސް ކުރެވެއެވެ.

އެގޮތުން، އެޤައުމުން މިހާތަނަށް 300 މީހުން ޖޫރިމަނާ ކޮށްފައިވާއިރު 18 މީހުން ޖަލަށްލައިފައިވެއެވެ.

މިއީ، ކެންޔާގައި މިކަން ކުރަމުން އަންނަ ގޮތެވެ. ރާއްޖޭގައި މިކަން ކުރެވިދާނެ ބާއެވެ؟