އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއިން ވަރުގަދަ ޗެލްސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީން ހޯދައިފިއެވެ.
ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން މެދުކަނޑާލާފައި އޮތްނަމަވެސް މި މެޗަށް އިނގިރޭސި އެފްއޭއިން ވަނީ 21000 ސަޕޯޓަރުންނަށް ފުރުޞަތު ދީފައެވެ. މި މެޗުން ޗެލްސީ ލެސްޓާއަތުން ބަލިވެފައިވާއިރު ފާއިތުވި ސީޒަންގެ އެފްއޭކަޕް ފައިނަލް މެޗުގައި ޗެލްސީ ބަލިވެފައިވަނީ އާސެނަލް އަތުންނެވެ.
މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޗެލްސީންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ލެސްޓާގެ ބެލްޖިއަމް މިޑްފީލްޑަރ ޓިއެލެމަންސްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ޗެލްސީގެ ގޯލް އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލީ ބާރު ހަމަލާއަކުންނެވެ. އެ ހަމަލާ އަމާޒުވެފައިވަނީ ޗެލްސީ ގޯލުގެ މަތީ ކަނަށެވެ.
ބައިކޮޅަށް ވަތްލަނޑާއިއެކު ޗެލްސީންވަނީ ގޭމް އިތުރަށް އަވަސްކޮށް ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ވެސް އެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. މިގޮތުން މައުންޓް އަދި ޗިލްވެލްއަށް ލިބުނު ހުސް ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.
މި މެޗުގެ ފަހު މިނެޓުގައި ޗެލްސީމް އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ލެސްޓާގެ ޑިފެންޑަރ މޯގަންސްގެ ގައިގައި ޖެހިފައި ލެސްޓާ ކޮޅަށް ލަނޑެ ވަނެވެ. ނަމަވެސް ފަހުން ވީއޭއާރުން ބެލުމަށްފަހު އެ ހަމަލާ އުފެއްދި ވަގުރު ޗެލްސީގެ ކުޅުންތެރިއަކު އޮފްސައިޑްވުމާއި ގުޅިގެން އެ ލަނޑު ރެފްރީ ވަނީ ބަލައި ނުގެންފައެވެ.
ލެސްޓާ މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ހަތަރު ފަހަރު ވަނީ ވާދަ ކޮށްފައެވެ. ނަމަވެސް އެ ޓީމް ވަނީ އެ ހަތަރު ފަހަރު ވެސް ބަލިވެފައެވެ. މި މެޗުން ބަލިވި ޗެލްސީއަށް އަދި މި ސީޒަންގައި ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުޞަތު އެބައޮތެވެ. މި މަހު 29 ގައި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ޗެމްޕިއަންސް ލީގި ފައިނަލް މެޗު އޮންނާނެއެވެ.
އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމަކީ އާސެނަލްއެވެ. އެ ޓީމުން މި މުބާރާތް 14 ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ދެން މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމް ވަނީ 12 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!