މާލެ އަތޮޅުގެ ބައެއް ފަޅުތައް ހިއްކައިގެން ތަރައްޤީކޮށްފައިވާ އެނބޫދޫ ފިނޮޅުގައި އަޅާފައިވާ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްލަންދާ ފަތުރުވެރިންނަށް ދިވެހި ބަސް ކިޔަވައިދޭން ނިންމައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ "މިހާރު" އަށް ވިދާޅުވެފައިވަނީ ދެ ފަރާތުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއި ކުރެވުމުން، މި ތަންތަނަށް ޗުއްޓީ ހޭދަކޮށްލަންދާ ފަތުރުވެރިންގެ އިތުރުން، މި ތަންތަނުގެ ބިދޭސީ މުވައްޒަފުންނަށްވެސް ދިވެހި ބަސް އުނގަންނައިދެވިގެންދާނެކަމުގައެވެ.
އެނބޫދޫ ފަޅުގައި ކްރޮސް ރޯޑުން ތަރައްޤީކުރި ރިސޯޓުތަކުގައި ސަޤާފީ ކަންކަން ދިރުވައި، އެކަންކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކަލްޗަރަލް ސެންޓަރެއްވެސް ޤާއިމް ކުރެވިފައެވެ. މި ތަނުގައި މި މައުލޫމާތު ފޯރުކޮށްދެވުމަށް މިހާރުވެސް މަސައްކަތްތަކެއް ކޮށްފައިވާއިރު، މި މަސައްކަތްތަކުގެ ސައްހަކަން ޔަޤީން ކުރަމުންދާކަމަށްވެސް، އަޝްރަފުވަނީ އެނޫހަށް ވިދާޅުވެފައެވެ.
ފަތުރުވެރިންނަށް ދިވެހި ބަސް ދަސްކޮށްދިނުމަކީ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުން އެހާ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އައިސްފައިވާ ކަމެއް ނޫނެވެ. އަދި އެކަމަށްޓަކައި އެހާ ބޮޑެތި މަސައްކަތްތަކެއްވެސް މީގެކުރިން ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
އެނބޫދޫ ފަޅުގައިވަނީ ވަނީ ތަފާތު އެކި ފެންވަރުގެ، އެކި ރަހަތަކުގެ ރިސޯޓުތައް ތަރައްޤީކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!