ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް މި އަހަރުވެސް މަޖިލީހުގެ ނައިބު ރައީސް ސަލީމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރަކަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ސަލީމް މިއަހަރުވެސް އިންތިޚާބުކޮށްފިއެވެ.

Ad
rt

މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މުޤައްރިރުގެ މަޤާމަށް ސަލީމްގެ ނަންފުޅު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމާ ގުޅިގެން ނެގުނު ވޯޓުގައި، ކޮމިޓީގެ މުޤައްރިރަކަށް ސަލީމް އައްޔަންކުރުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ އިއްތިފާޤުން ވޯޓު ދެއްވާފައެވެ.

މީގެއިތުރުން، މި ކޮމިޓީގެ ނައިބު މުޤައްރިރުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ. މިއާއެކު ކޮމިޓީގެ އިސް ދެ މަޤާމު ފުރިހަމަވެ، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްތައް ރަސްމީކޮށް ވަނީ ފެށިފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު، ބަޖެޓާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުޞަތެއް ދިނުމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ވަނީ ނިންމަވާފައެވެ. އަދި މި ބަހުސް ކުރިއަށްދާއިރު މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށްޓަކައި، މާލީ ވަޒީރަށް 45 މިނެޓުގެ ފުރުޞަތެއް ދެއްވުމަށްވެސް އެ ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ.

މިއީ ހިނގަމުންދާ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާ ދަށް އަދަދެކެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ ޖުމްލަ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.