ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފިއެވެ. މިއީ ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ޕުރޮގްރެސް ޓު އަ ޤުރުއާނިކް ލައިފްސްޓައިލްގެ ފަރާތުން ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އާ ގުޅިގެން ކުރިއަށް ގެންދާ ވެބިނާރެކެވެ.
އޮންލައިންކޮށް ބާއްވާ މި ވެބިނާރުގައި 13 އަހަރުން މަތީގެ އުމުރުފުރާގެ ދެޖިންސުގެ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށް ދިއްދޫ އތމ ކޮމިޓީން މައުލޫމާތުދެއެވެ. މީގެއިތުރުން މި ވެބިނާރުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ޢިލްމީ ޝެއިޚުން ކަމަށްވެސް އެ ކޮމިޓީން ހާމަކުރެއެވެ.
ދިއްދޫ އތމ ކޮމިޓީން ބަޔާންކުރާ ގޮތުގައި މި ވެބިނާރުގެ މައިގަނޑު މަޤުސަދަކީ ކީރިތި ޤުރުއާނުގެ ޢިލްމު ހޯދުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދީ މަގުކޮށައިދިނުމެވެ. އަދި ޤުރުއާނުގެ ތަފާތު ޢިލްމުތަކާއި، ޤުރުއާން ތިލާވަތު، ތަޖުވީދު އަދި ހިފްޒުގެ އާއްމު އެންމެހާ އުސޫލުތަކެއް ފޯރުކޮށްދިނުމާއި، ޤުރުއާނުގެ އަހުލުވެރިއަކަށް ވުމަށް ދިވެހި ގިނަ ދަރިވަރުންތަކަކަށް ބާރުއެޅުމާއެކު ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުންވެސް މި ޕްރޮގްރާމްގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ވެބިނާރު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 15 ނޮވެންބަރ 2026 އިން ފެށިގެން 7 ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފީއަކީ 150 ރުފިޔާއެވެ.
މި ވެބިނާރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ދިއްދޫ އތމ ކޮމިޓީގެ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ފޯމު ފުރުމަށް ވަނީ އެދިފައެވެ. އަދި ފޯމު ފުރާއިރު ހއ. ދިއްދޫ އ.ތ.މ ކޮމިޓީގެ ނަމުގައި ފޯމު ފުރުމަކީ އެ ކޮމިޓީއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް އެ ކޮމިޓީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!