ހދ. ދިއްޕަރުފުށީގައި ރިސޯޓެއް ތަރައްގީ ކުރަން ދޫކޮށްފަވާއިރު، އެމަސައްކަތް ނުފެށި ލަސްވާތީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާޢީ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ދިއްޕަރުފުއްޓަކީ ކުރީގެ ސަރުކާރުން 12 ޑިސެމްބަރު 2018 ގައި ރިސޯޓެއް ތަރައްގީ ކުރަން ސީކްރެޓް ވެންޗުއަރ ޕވޓ ލޓޑ އަށް ދޫކޮށްފަވާ ރަށެކެވެ. މައުލޫމާތު ލިބިފަވާގޮތުގައި މި ކުންފުންޏަކީ، ރާއްޖޭގައި ހިންގާ ސޮނެެވާ ޖާނީއާއި، ސޮނެވާ ފުށިފަދަ މަޝްހޫރު ރިސޯޓުތައް ހިންގާ ސޮނެވާ ގްރޫޕްގެ މަސްލަަހަތު އޮންނަ ކުންފުންޏެކެވެ.
8.2 ހެކްޓަރގެ މިރަށް އޮންނަނީ މެންބަރު ރާޢީ ތަމްސީލް ކުރަށްވާ ދާއިރާގައި ހިމެނޭ މައިރަށް، ހދ. މަކުނުދޫގެ ފަޅުތެރޭގަ އެވެ.
މަކުނުދޫއަކީ ހދ. އަތޮޅުގެ ރަށްތަކާ ދުރުގައި ވަކިން އޮންނަ ރަށަކަށްވާއިރު، އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ދިއްޕަރުފުށީގައި ރިސޯޓެއް ތަރައްގީވެގެން ދިޔުމަކީ ވަރަށް މުހިންމުކަމެކެވެ. އެރަށަށް ފަތުރުވެރިކަމަށް ދޫކޮށްފަ އޮންނާތީ މަކުނުދޫ ރައްޔިތުން ހިތްހަމަޖައްސާލަން ދަތުރު ވެސް ނުދެވޭ ކަމަށް ރާޢީ ފާހަގަ ކުރެއްވިއެވެ.
އެރުގައި ރިސޯޓު ތަރައްގީކުރުން ލަސްވާތީ، އެކަމާ ނުރުހި މެންބަރު ރާޢީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިއްޕަރުފުއްޓަކީ މަކުނުދޫ ފަޅުތެރޭ އޮންނަ ޗާލް ތިން ރަށުގެ ތެރޭން މެދަށް އޮންނަ އެއްރަށް ކަމަށެވެ.
"ރިސޯޓް ހަދަން ހަދަން، މިހެން ކިޔާތާ، އަޑު އަހާތާ، ލައްކަ ދުވަސް، މަކުނުދޫ ރައްޔިތުންނަށް ދަތުރު ޖައްސާލުންވެސް ދުއްތުރާލެއް، ރަށް ހޯދީ ކިހިނެއް،"
ރާޢީ ވިދާޅުވެފަ ވެއެވެ.
ދެން ރާޢީގެ ފާހަގަ ކުރެއްވީ ހދ. އަތޮޅު ރައްޔިތުންގެ ކުލަ ނުވި ހުވެފެނުގެވާހަކައެވެ. އެ އަތޮޅުގައި އެކަށޭނަ ފަތުރުވެރިކަން ނުފެށި، އަތޮޅުގެ ރައްޔިތުންނަށް އަތޮޅުގައި ތިބެ ވަޒީފާ އަދާކޮށް، އާމްދަނީ ހޯދޭނެ ގޮތެއް އަދިވެސް ފެނިފަ ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ކޮބައިތޯ ހދ ގައި ރިސޯޓް، މަނިކުފާނުތީ ދެވަނަ ޓޫރިޒަމް މިނިސްޓަރ @Mausoom_Maus
ހދ ގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެތައް ބައެއް، ހދ ތަމްސީލް ކުރާ ހަ މަޖްލިސް މެމްބަރުން @YasirLathyf @jamsheedmuhamed @GapoGafoor @FitteyZ @MNA_MosTaaA @ArthifKFCity https://t.co/5n8SnkGWRi— Mohamed Raee / Makunudhoo Constituency (@Mraee12) May 15, 2021
ކުރީގެ ސަރުކާރުން ފުރަތަމަ ދިއްޕަރުފުށި ދޫކުރީ އޭރުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާވޫދަށްކަމަށް ޚަބަރު ފެތުރުނެވެ. ޖައުފަރު ދަވޫދަށް ދިއްޕަރުފުށި ދީފައި ވަނީ ހުޅުވާލެވިފައިވާ ބިޑަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އޭރުގެނައި އިސްލާހުގެ ދަށުންނެވެ. އެ ގާނޫނުގައި ބުނާ ގޮތުން ޓޫރިޒަމްގެ ބޭނުންތަކަށް ބިޑް ކުރުމެއް ނެތި ބިމާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ އެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖައުފަރަށް އެރަށް ދޫކުރިއިރު، އެރަށުގެ އެކުއިޒިޝަން ކޯސްޓަކީ 1،025،000 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ އެއީ ގާތްގަނޑަކަށް 15.8 މިލިއަން ރުފިޔާ އެވެ.
ކުރީ ސަރުކާރުގައި އެރަށުގައި ރިސޯޓެއް ތަރައްގީކުރަން ޢިއުލާން ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ހަވާލުކުރެވުނާ 12 ވަރަކަށް އަހަރުފަހުން 56 ހެކްޓަރުގެ ބިޔަ، ހދ. ހޮނޑާފުށީގައި ތަރައްގީކުރި ރިސޯޓް 18 މާރިޗް 2018ގައި ވަނީ ހުޅުވާފައެވެ. އެއީ ހދ. ގައި އޮތް ހަމައެކަނި ރިސޯޓެވެ. އެ ރިސޯޓަކީ މަދު ކޮޓަރިތަކަކާއެކު، އަތޮޅުގެ ރައްޔިތުންނަށް ހަނި ވަޒީފާގެ ފުރުސަތުތަކަކާއެކު ހުޅުވައި ހިންގަންފެށި ރިސޯޓެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވިޔަފާރި ކުންފުނި ތްރީއޭ އިން ތަރައްގީކުރި އެ ރިސޯޓް ހުޅުވީ 80 ކޮޓަރިއާ އެކު އެވެ. މާލެއިން އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ހޮނޑާފުށީގައި ޖުމްލަ 400 ކޮޓަރި ހަދާ ގޮތަށް ވަނީ ޕްލޭންކޮށްފައެވެ.
ފަތުރުވެރިކަން އޮތް އަތޮޅުތަކުގައި ހުރި ތިޔާގި ކަމާއި، ލިބޭ އިޖުތިމާއީ އެހީތެރިކަމާއި އަދި މިނޫންވެސް ފުރުޞަތުތަކުން ހދ. ރައްޔިތުން މިއަދާއި ހަމައަށްވެސް މަހްރޫމް ވެފަވާއިރު، ހދ. އަތޮޅަކީ 28 ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ، އެ އަތޮޅެއްގެ ނިސްބަތުން އެންމެ ގިނަ މީހުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެއް އަތޮޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!