މާދަމާ އިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް
ލަފާކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވީ، މިއަހަރުގެ ހުޅަނގު މޫސުން ރާއްޖެ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން، މާދަމާއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރަށްވައެވެ. އަދި ކަނޑުތައް ގަދަވެ އަދި ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ލަފާކުރަށްވާފަ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެއިދާރާއިން ވަނީ
އިލްތިމާސް ކުރަށްވާފަ އެވެ.
ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް އެ އިދާރާއިން ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!