މިމަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން ބުރުގެ ޕްލޭއޮފް މެޗުގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުމަށް ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ރާއްޖެއިން ފޮނުވާލަން ނިންމައިފިއެވެ.
މިގޮތައް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ. މަޙްލޫފު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެޓީމުން ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ދޫކޮށް އެޓީމު ވަގުތުން ދާންޖެހޭ ކަމަށެވެ.
"އެ މެޗު މިހާރު ނުބޭއްވޭނެކަން އެފްއޭއެމް އަށް ވާނީ އަންގާފައި. އަދި އެޓީމު ފުރުވާލުމުގެ ކަންކަން ހަމަޖެއްސުމަށް ވެސް ވާނީ އަންގާފައި"
މަހުލޫފް ވިދާޅުވިއެވެ.
ހާއްސަ ހުއްދައިގެ ދަށުން ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެޓީމުގެ ކުޅުންތެރިންނަށް ހޮޓަލުން ބޭރަށް ނިކުތުން މަނާކޮށްފައިވަނިކޮން އެޓީމުގެ ބައެއް ކުޅުންތެރިންވަނީ ހޮޓަލުން ބޭރަށް ނިކުމެ މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ މަންޒަރު ފެނިގެން އާންމުންވަނީ ސަކުވާކޮށްފަ އެވެ.
ބެންގަލޫރު ޓީމުން ރާއްޖެ އައީ ރައްކާތެރި ކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން ރާއްޖެ އައިއިރު އެޓީމުން އައީ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) ކިޓާއި އެކުއެވެ. މީގެއިތުރުންވެސް އެޓީމުން ވަނީ ރާއްޖެ އައުމުގެ ކުރިން ޕީސީއާރް ޓެސްޓު ހަދާފައެވެ. އަދި އެޓީމުން މާލޭގައި ތިބޭ ހޮޓަލަށް ވަނުމުގެ ކުރިން އިތުރު ޓެސްޓެއް ހަދާނެ އެވެ. ބެންގަލޫރަށް ވެސް އަދި ދެން ރާއްޖެ އަންނަން އޮތް މޯހަން ބަގާން އާއި ބަޝުންދުރާ އަށް ވެސް ހޮޓަލުން ނުކުމެވޭނީ ހަމައެކަނި ފައިތަކުރުން ތަކާއި މެޗުތަކަށް އެކަންޏެވެ.
އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުގެ އިތުރުން މުބާރާތުގެ ދެކުނު އޭޝިއާގެ މެޗުތައް މި މަހުގެ 14 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް އޮޮތީ ނިންމާފައެވެ. ނަމަވެސް މި ހިނގާދިޔަ ކަމުގެ ސަބަބުން އެ މެޗުތައް ފަސްކޮށްދޭން އޭއެފްސީގައި އެދޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ބެންގަލޫރުން ފާއިތުވި އަށް މަހެއްހާ ދުވަހު އުޅުނީ އަމިއްލަ ބަބްލްއެއްގެ ތެރޭގަ އެވެ. އަދި މި މުބާރާތުގެ ކުރިން އެ ޓީމުން ކޭމްޕް ކޮށްގެން ތިބީ އިންޑިއާގެ ގޯއާގަ އެވެ. އެ ތަނުގައި ދާދި ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. މޯހަން ބަގާން ވެސް އަންނަނީ އަމިއްލަ ސޭފްޓީ ބަބްލްއެއްގެ ތެރެއިން ޓްރެއިނިންތައް ކުރިއަށްގެންދަމުންނެވެ. އަދި ބަޝުންދުރާ އިން ވެސް ސަލާމަތީ ކަންތައްތަކަށް އިސްކަން ދީގެން އަންނަނީ އެ ގައުމުގެ ލީގުގެ މެޗުތައް ކުޅެމުންނެވެ
We have informed FAM that we cannot hold the match, and asked them to make arrangements for @bengalurufc’s departure. We will be in further correspondence with AFC through @MaldivesFA to postpone the group stage. https://t.co/wPO7Qkw9Ou
— Ahmed Mahloof (@AhmedMahloof) May 8, 2021
މިފަދަ ނިންމުމެއް ނިންމާފައިމިވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ނުރައްކާވެފައިވާ މި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ މެޗެއް މުޅި ދުނިޔެއިން ވެސް މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތް އިންޑިއާ އިން ޓީމެއް އަންނަން ސަރުކާރުން ހާއްސަ ހުއްދައެއް ދިނުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!