ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު، 02 ޖުލައި 1948 (24 ޝައުބާން 1367) ވީ ހުކުރު ދުވަހު އދ. ހަންޏާމީދޫއަށް ވަޑައިގަތެވެ.

ފުރަތަމަ ވެސް ވަޑައިގަތީ އެރަށުގައި ހުންނަ ކަލާފާނުގެ ޒިޔާރަތަށެވެ. އެ ޒިޔާރަތް ބައްލަވާލެއްވުމަށްފަހު ދެން ވަޑައިގަތީ އެ ޒިޔާރަތާ އިންވެގެންހުރި އެ ރަށުގެ ހުކުރު މިސްކިތަށެވެ. އެ މިސްކިތުން މުޙައްމަދު އަމީންނަށް ފުރަތަމަ ވެސް ފެނިވަޑައިގަތީ މިސްކިތުގެ އެތެރޭގައި ނުހަނު ރީތިކޮށް ތަރުތީބުން ބަހައްޓާފައި ހުރި ހަތްކޮޅުތަކެވެ. އެއީ އެހާތަނަށް އެންމެ ފަހުން މާލޭގައި ހަތްކޮޅު އެ ބޭފުޅުންގެ އިސްތަށިފުޅަށް ނެގުނު ހަ ބޭފުޅުން ބޭނުންފުޅު ކުރެއްވި ހަތްކޮޅުތަކުގެ ތެރެއިން ހަ ހަތްކޮޅެވެ. އިތުރު ހަތްކޮޅުތައް ވެސް އެ މިސްކިތުގައި އޭރު ހުއްޓެވެ. އެ ހަތްކޮޅުތައް ފޮނުވާފައި އެވަނީ ކަލާފާނުގެ ޒިޔާރަތަށެވެ. ކަލާފަނަށް ފަހު ރާއްޖޭގައި ރަސްކަން ކުރެއްވި ކޮންމެ ބޭފުޅަކު ވެސް އެގޮތަށް ޢަމަލުކުރެއްވި ކަމަށް ވެއެވެ. އެ ހަތްކޮޅުތަކާ ކަލާފާނާ ގުޅުމެއް ވާކަމަށް އޭރުގައި ގަބޫލުކުރެވެނީއެވެ.

Ad
rt

މި ވާހަކައަށް ތަން ހޯދުމަށް ފުރަތަމަ ބަލާލަން ޖެހެނީ ކަލާފާނަކީ ކޮން ބޭފުޅެއް ތޯއެވެ. އާދެ! ކަލާފާނަކީ މީލާދީން 1585 އިން 1609 އަށް، 24 އަހަރާއި 2 މަސްދުވަހު ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އައްސުލްޠާން އިބްރާހީމް (ތިންވަނަ) ކަލާފާނު ސިރީ ސުންދަ ސުވަރުދަ މަހާރަދުންނެވެ. ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނަށް ފަހު ދިވެހިރާއްޖޭގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި އެރަދުންގެ ދަރިކަލުންނެވެ. މަންމާފުޅަކީ ބާރަށު ފާޠިމާގެ ދިޔޯއެވެ. ތާރީޚުގައި މަޝްހޫރު ބޯށިވަލު ބުޅާފާތުމާގެ ރެހެންދިއެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވުމުގެ ކުރިން ކަލާފާނު ހުންނެވީ ފާށަނާކިލެގެ ކަމުގައެވެ.

ކަލާފާނުގެ ޝަޚްޞިއްޔަތު ޙަސަން ތާޖުއްދީނުގެ ތާރީޚު ފޮތުގައި ބަޔާންކުރައްވާފައިވަނީ "ހައިބަވަންތަވެރި، ޢަދުލުވެރި، ބުއްދިވެރި، ޢިލްމުވެރި" ރަސްކަލެއްގެ ގޮތުގައެވެ. ދަންނަބޭކަލުންނަށް ލޯބިކުރެއްވިއެވެ. ޢިލްމު އުނގެނުމަށް އަމުރު ކުރެއްވިއެވެ. ޢިލްމުވެރިންނަށް ވާގިދެއްވިއެވެ. ކަންކަމުގައި ގިނަގިނައިން ޢިލްމުވެރިންނާ މަޝްވަރާކުރައްވައި ޢިލްމުވެރިންގެ އަޑު އެއްސެވިއެވެ. ރައްޔިތުންގެ ހާލު ބައްލަވައި ޢަދުލަށް ރަސްކަން ކުރެއްވި ރަސްކަލެކެވެ. އެހެންނަމަވެސް ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު ރާއްޖެއަށް އުރުނު "ކޯބިން" ކިޔާ ނަވަކުން ރާއްޖެ އާދެވުނު ފިރާޑް ޑި ލަވާލް އޭނާގެ ދަތުރުނާމާގައި ލިޔެފައިވާގޮތުގައި ކަލާފާނަކީ އެރަދުންގެ ބައްޕާފުޅުކަހަލަ ހިތްވަރުފުޅުގަދަ ބޭފުޅެއް ނޫނެވެ.

އަދި ޕިރާޑުގެ ލިޔުމުގައި ކަލާފާނާ ބެހޭ ގޮތުން ވަރަށް ނޭދެވޭ ވާހަކަތަކެއް ލިޔެފައިވެއެވެ. އޭގެތެރެއިން ބައެއް ކަންކަމަކީ ދިވެހީންނާއި ރަސްކަމުގެ އާދަކާދައިގެ ތެރެއިން ފެނުނު ކަންތައްތަކެވެ. މީގެތެރެއިން ބައެއް އާދަކާދައާއި ސަޤާފަތް ތަކަކީ ޕިރާޑް ފަދަ އެހެން ދީނެއްގެ ޔޫރަޕުގެ މީހަކަށް އަނިޔާވެރި، ނުވަތަ އަޚްލާޤީގޮތުން ދަށް ފެންވަރުގެ ކަންތައްތައް ކަމަށް ފެނިދާނެއެވެ. މިހާރު ވެސް ހުޅަނގުގެ ބައެއް ފަރާތްތަކުން އަނިޔާވެރި ނުވަތަ ނޭދެވޭ ކަންތައްތައްކަމަށް ދެކޭ ބައެއް ކަންތައްތައް ރާއްޖޭގައި އެބަހުރި ނޫންތޯއެވެ؟

ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ހޮޅީންގެ ފޭރޭ ބަޔަކު ރާއްޖެއަށް އައީ އަދަބީ ގޮތުންނާއި މާއްދީގޮތުން ރަސްކަން ކުރިއެރުވުމަށް ޢިއްޒަތްތެރިކަމާއެކު ކަލާފާނު ރަސްކަމުގައި ހުންނަވަނިކޮށެވެ. އެ މީހުންގެ ޚަބަރު ލިބިވަޑައިގަތުމުން އަމީރުންނާއި ވަޒީރުންނާއި ފަނޑިޔާރު މަނިކުފާނު ގެންނަވައި މަޝްވަރާ ހޯއްދެވިއެވެ. އޭރު ފަނޑިޔާރުކަމުގައި ހުންނެވި ލ. ފޮނަދޫ މުޙައްމަދު ޖަލާލުއްދީން ފަނޑިޔާރު މަނިކުފާނު އެރުވި ފަތުވާއަކީ ދުޝްމަނުންނާ ހަނގުރާމަ ކުޅައުމަށްވުރެ ފިއްލަވައިގެން ވަޑައިގަތުން މޮޅުއިތުރުކަމުގައެވެ.

ތިން އަނބިކަނބަލުންނާއި އަމީރުންނާއި ވަޒީރުންނާއެކު ރާއްޖޭގެ ދެކުނަށް ދަތުރުކުރައްވަނިކޮށް އަރިއަތޮޅާ ހަމައިން ދުޝްމަނުންގެ ގުރާބުތައް އައިސް ކަލާފާނު ހުންނެވި ގުރާބާ ދިމާކޮށްލައިފިއެވެ. އަރިހުގައި ވަޑައިގެންނެވި އެންމެން ރަދުން ގިނިކަންޏާ ދޫކޮށްލާފައި ގުރާބުން ފުންމާލައިގެން ފަތާފައިގޮސް ކައިރީގައި ހުރި ރަށްރަށަށް އަރައި ޖާނު ސަލާމަތްކޮށްފިއެވެ. ރަދުންނާއެކު ސާބިތުވެ ހުރީ ޖަމާލުކަލޯ ކިޔާ އެންމެ ޚާދިމެކެވެ. ދުޝްމަނުންނާ ހަނގުރާމަކޮށް އެ ދެކަލުން ވެސް ޝަހީދުވީއެވެ. އޭގެފަހުން ދުޝްމަނުން، ގުރާބުހުރި މުދަލާއި ހަތިޔާރުތައް ފޭރި ރަދުންގެ ޢާއިލާގެ ބޭފުޅުން ހައްޔަރުކޮށް މާލެއަށް އައީއެވެ. ރަދުންނާއި ޖަމާލުކަލޯގެ ހަށިކޮޅު އޮތް ގުރާބު ދޫކޮށްލުމުން އޮޔާގޮސް ލެއްގީ އދ. ހަންޏާމީދޫއަށެވެ. އެދެކަލުންގެ ހަށިކޮޅު ގުރާބުން ނަގައިގެންގޮސް އެ ރަށުގައި ފަސްދާނުލައި ޒިޔާރަތް އެރުވީ ހަންޏާމީދުގެ ރައްޔިތުންނެވެ. ކަލާފާނު ޝަހީދުވީ 04 ފެބުރުވަރީ 1609 (28 ސައްވާލު 1017) ވީ ބުދަ ދުވަހުއެވެ.

މުޙައްމަދު އަމީން 1948 ވަނަ އަހަރު ހަންޏާމީދޫއަށް ވަޑައިގެންނެވިއިރު ޒިޔާރަތުގެ ގޮތުގައި ފެންނަނީ ވަށައިގެން ރާނާގައިވާ ހަތަރުފާރެވެ. މަގުބަރާ ހުރީ އެ ފާރުގެ އެތެރޭގައެވެ. ތަންގީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅުގައި އަމީން ލިޔުއްވާފައިވެއެވެ. "ޒިޔާރަތް ހުރިގޮތް އަޅުގަނޑު ބަޔާންކޮށްލިޔަދެއްވާށެވެ. އެންމެ ފުރަތަމައިން ވަނީ ރާނާފައިވާ ހަތަރުފާރެވެ. ދިގުމިނަކީ 15 ފޫޓު 6 އިންޗިއެވެ. ފުޅައުމިނަކީ 14 ފޫޓު 8 އިންޗިއެވެ. އުސްމިނަކީ 3 ފޫޓު 6 އިންޗިއެވެ. ފާރުގެ ބޯމިނުގައި ހުރީ 1 ފޫޓު 2 އިންޗިއެވެ. ޙަޤީޤީ ޒިޔާރަތްފުޅު ވަނީ މި ސަރަޙައްދުގެ އެތެރޭގައެވެ."

ކަލާފާނު ފަސްދާނު ލެވިފައިވާ ބިސްތާނުގެ ދިގު މިނުގައި 9 ފޫޓު 10 އިންޗި އަދި ފުޅާމިނުގައި 4 ފޫޓު 7 އިންޗި ހުރެއެވެ. ބިސްތާނުގައި ޖަހާފައިވާ ގާފުޅުގައި 3 ފޫޓު 3 އިންޗި ހުރެއެވެ. ގާފުޅުގެ އެންމެ ފުޅާ ހިސާބުގައި 1 ފުޓޫ 7 އިންޗި ހުރެއެވެ. އެ ގަލުގައި އެއްވެސް އެއްޗެއް ލިޔެފައެއް ނުވެއެވެ.

މެދުޒިޔާރަތުގެ ތެރޭގައި ހުރި ހަތްކޮޅު ނެގިފައިވާ އެނދުދާންކޮޅު. ފޮޓޯ: ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

ހަންޏާމީދޫ ހުކުރު މިސްކިތުގައި ހަތްކޮޅުތައް ކުރީ ޒަމާނުގައި ހުންނަނީ މޯޅި ކޮށްލާފައި ހަތްކޮޅަކާޖެހި ހަތްކޮޅެކެވެ. ވަރަށް ރީތިކޮށް ތަރުތީބުންނެވެ. އެއީ ފުރަމާލޭގައި ހަތްކޮޅު ނެގުނު ބޭފުޅުންގެ އިސްތަށިފުޅަށް ނަގަން ބޭނުންކުރި ހަތްކޮޅު ތަކުގެ ތެރެއިން ހަތްކޮޅުތަކެކެވެ. ކަލާފާނުގެ ރަސްކަމަށްފަހުގައި ހަތްކޮޅު ނަންގަވާ ކޮންމެ ބޭފުޅެއްގެ އިސްތަށިފުޅަށް ނަންގަވާން ބޭނުންފުޅު ކުރައްވާ ހަތްކޮޅުތަކުގެ ތެރެއިން އެއް ހަތްކޮޅު އެ މިސްކިތަށް ފޮނުވަނީއެވެ. ކަލާފާނުގެ ޒިޔާރަތަށް ވެދުންކުރަނީއެވެ. "އާދަކާދަ ނިޔާކުރާގޮތުން ކަލާފާނުގެ އަހަރުމަތިފުޅު ދުވަހު އޭގެތެރެއިން އެންމެ ރަނގަޅަށް ހުރި ހަތްކޮޅެއް ހުންނަނީ މަހާނަފުޅު ކައިރީގައި ފޮޅުވާލާފައެވެ. އެކަން މިހާރު ވެސް ދަނީ ކުރެވެމުންނެވެ." މުޙައްމަދު އަމީން ހަންޏާމީދޫއަށް ވަޑައިގެންނެވި އިރުވެސް އެ އާދަކާދަ އޮތް ކަމަށް ލިޔުއްވާފައިވެއެވެ.

މުޙައްމަދު އަމީން ލިޔުއްވާފައިވާ ގޮތުގައި މިކަން މިގޮތަށް ހިނގަމުންދާކަމުގެ "ސިއްރަކީ މާލޭގައި ފުރަތަމަ ހަތްކޮޅެއްގެ ބޭނުންފުޅު ކުރެއްވި ބޭފުޅަކީ ކަލާފާނު ކަމުގައިވާކަމެވެ." އެހެންނަމަވެސް މި ވާހަކަތަކަކީ ތާރީޚީ އެއްވެސް ލިޔުމަކުން ފެންނަން އޮތް ވާހަކައެއް ނޫންކަމަށާއި އެއީ އިވިފައިވާ އަޑުތަކެއްކަމަށް މުޙައްމަދު އަމީން ލިޔުއްވާފައިވެއެވެ. (ނިމުނީ)
މަޢުލޫމާތު:
މުޙައްމަދު އަމީން (1949). ތަންޤީީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު