ގޭސްފުޅި ގޮވާ ވާހަކައާއި ގޭސްފުޅި ގޮވައިގެން މީހުންނަށާއި ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައްވާ ވާހަކަ އަޑުއިވެއެވެ.

އެކަމަކު ގޭގޭގައި އާންމުކޮށް ދިމާވާ މިފަދަ ގިނަ ހާދިސާތަކުގައި ގޭސްފުޅިއެއް ނުގޮވައެވެ. އެއީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ޖެއްސުމުން ނުވަތަ އަލިފާން ކެނޑޭ ސުވިޗެއް ކަހަލަ އެއްޗެއް ޖެއްސުމުން ހިނގާ ބިރުވެރި އަދި އެހާމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެކެވެ.

Ad
rt

ގޭތެރެއަށް ގޭސް ލީކުވެފައި ހުއްޓައި އަލިފާން ކަންޏެއް އެޅުމުން (ސްޕާކެއް ވުމުން) ގޭހުގައި އަލިފާން ހިފައެވެ. އެވަގުތުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ގުޅެނީ ގޭސް ލީކުވެފައިވާ މިންވަރާއި އެތަނެއްގެ ބަންދުކަމާއެވެ.

ގޭސް ގޮވުމުގެ ހާދިސާތައް ރާއްޖޭގައި އާންމުކޮށް ހިނގަނީ
1. ގޭސް އުނދުނާ ގޭސް ހޮޅި ގުޅާފައި ބާރުކުރަންޖެހޭ ނަޓު ނުވަތަ ކްލިޕް ދޫވުމުގެ ސަބަބުން އެތަނުން ގޭސް ލީކުވެގެން،
2. ގޭސް ފުޅިން އުނދުނަން ގޭސް ފޮނުވާ ގޭސްހޮޅިން ގޭސް ލީކުވެގެން،
3. ގޭސް އުނދުން ހަލާކުވުމުގެ ސަބަބުން އުނދުނުން ގޭސް ލީކުވެގެން،
4. ގޭސްފުޅީގެ ތުނބުން ގޭސް ލީކުވެގެން.
5. ގޭސް ރެގިއުލޭޓަރުން ގޭސް ލީކުވެގެން، ނުވަތަ ރެގިއުލޭޓަރަށް ހޮޅި ގުޅާފައިވާ ތަނުގެ ކްލިޕް ދޫވެ އެތަނުން ގޭސް ލީކުވެގެން،
6. ގޭސްފުޅި ބާވެ ދަބަރު ޖަހައިގެން ނުވަތަ ގޭސް ފުޅިއަށް ގެއްލުމެއް ލިބުމުގެ ސަބަބުން ގޭސް ލީކުވެގެން.

ގޭސް ގޮވުންތަކުން ރައްކާތެރިވުމަށް ޓަކައި ކުރެވިދާނެ ކަންކަމަކީ

1. ގޭސްފުޅިއަކީ ގޭސް ލީކުނުވާ ރަނގަޅު ފުޅިއެއްކަން ކަށަވަރުކުރުން.

މިގޮތުން ގޭސް ފުޅީގެ ތުނބުގެ މަތިގަނޑު ނައްޓުވާލުމަށްފަހު ގޭސް ފުޅީގެ ތުނބުގެ އެތެރެއަށް ފެންފޮދެއް އެޅުމުން ގޭސްފުޅީގެ ތުނބުން ގޭސް ލީކުވާނަމަ ވައިބޮކި އަރާނެއެވެ. ބޮކި އަރާނަމަ އެ ގޭސްފުޅި ރަނގަޅު ނޫނީއެވެ.
ގޭސްފުޅީގެ ތުނބުގެ އެތެރޭގައި ޕެކިނެއް އިންނާނެއެވެ. އެ ޕެކިން އިންތޯ ޗެކްކޮށް ޕެކިން ނެތްނަމަ ރެގިއުލޭޓަރ ނުޖަހާށެވެ. ޕެކިން ނެތިއްޔާ ގޭސް ލީކުވެދާނެއެވެ.

ގޭސްފުޅި އަކީ ގޭސް ފޯރުކޮށްދޭ ފަރާތްތަކުން ޗެކްކޮށްފައި ފޮނުވައިދޭ ފުޅިއަކަށް ވިޔަސް ގެއާ ހަމައަށް ފޯރާއިރު އޭގެ ހާލަތަށް ބަދަލު އައިސްފައި ހުރެދާނެތީ ފުޅި ރަނގަޅަށް ބަލައި ޗެކްކޮށްލަން ޖެހެއެވެ. ދަގަނޑު ފުޅިއަށް ބޮޑަށް ގެއްލުން ވެފައި ހުންނަނީ ފުޅީގެ ފުލަށެވެ.

2. ރައްކާތެރި ގޭސްފުޅިއެއް ޚިޔާރުކުރުން

ގޭސް ފުޅިތަކުގެ ތެރެއިން ރައްކާތެރިކަން ބޮޑީ ދަގަނޑު ފުޅިއަށްވުރެ "ލުއިފުޅި" އެވެ. ލުއި ފުޅިއަކީ ފުޅީގައި ރޯވެ އެނދިޔަސް ގޮވާ އެއްޗެއް ނޫނެވެ. އެސްޓީއޯގެ ލުއިފުޅި އަލިފާނަށް ލައިގެން އެމްއެންޑީއެފް ފަޔަރ އެންޑު ރެސްކިޔު ސާރވިސް އިން އިތުރަށް ޓެސްޓްކޮށް އެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ހަމައެއާއެކު ހަނދާން ކުރަންވީ އެއްވެސް ވައްތަރެއްގެ ގޭސްފުޅި އަކީ އަވީގައި ބެހެއްޓުން ރައްކާތެރި އެއްޗެއް ނޫނެވެ.

3. ގޭސް ހޮޅިން ލީކުނުވާކަން ކަށަވަރުކުރުން.

ގޭސް ފުޅިން ގޭސް އުނދުނަށް ގުޅާފައި ހުންނަ ގޭސް ހޮޅިއަކީ ރައްކާތެރި ހޮޅިއެއްކަން ކަށަވަރު ކުރަންޖެހެއެވެ. ސްޓޭންޑެޑް ހޮޅީގައި ތިން ފަށަލަ ހުރެއެވެ. އަދި އެއީ ފަހެލި (ފްލެކްސިބަލް) ހޮޅިއެކެވެ. އެކަމަކު ގިނަ ދުވަހު ބޭނުންކުރުމުންނާއި ހޫނުވުމުން ހޮޅިއަށް ގެއްލުންވެއެވެ. ބޭރުން ބަލާއިރު ގެއްލުމެއް ނުފެނުނަސް ކޮންމެ 5 އަހަރަކުން އެއްފަހަރު ހޮޅި ބަދަލުކުރުން ރަނގަޅެވެ. ހޮޅިން ލީކެއްވާކަމަށް ޝައްކުވާނަމަ އެންމެ ރަނގއޅު ގޮތަކީ ހޮޅި ބަދަލުކޮށްލުމެވެ. ހޮޅިން ލީކުވާނަމަ ސައިބޯނި ފެން ހޮޅީގައި ކޭއްތުމުން އެތަނަކުން ބޮކި އަރާނެއެވެ.

4. ގޭސް ހޮޅީގެ ދެ ކޮޅު ގުޅިފައި ހުންނަ ތަންތަން ބަލައި ގޭސް ލީކު ނުވާކަން ޔަގީން ކުރުން.
ރާއްޖޭގައި އާންމުކޮށް ބޭނުންކުރަނީ ކަބަޑުތެރެއަށް ފައްތާފައި ހުންނަ ގޭސް އުނދުނާއި އުފުލާ ގެންގުޅެވޭ ނުވަތަ ކޮންމެވެސް އެއްޗެއްގެ މަތީގައި ބަހައްޓައިގެން ބޭނުންކުރާ ގޭސް އުނދުނެވެ. ކަބަޑަށް ފައްތާފައި ހުންނަ އުނދުންތަކަށް ގޭސް ހޮޅި ގުޅާތަނުގައި ބާރުކުރަންޖެހޭ ނަޓެއް ގިނަ އުނދުން ތަކުގައި އިނދެއެވެ. އެ ނަޓު ދޫވެއްޖެނަމަ ގޭސް ލީކުވާނެއެވެ.

ގޭސް ހޮޅި ރެގިއުލޭޓަރާއި ނުވަތަ އުނދުނާ ގުޅުމަށްފަހު ކުލިޕް އަޅާ ބާރުކުރަން ޖެހެއެވެ. ގިނަ ދުވަސްވުމުން ކްލިޕްގައި ދަބަރު ޖަހައި ކަނޑައިގެން ގޮސްފިނަމަ އޭގެ ބޭނުމެއް ނުހިފޭނެއެވެ. އަދި އެއްވެސް ކަމެއް ދިމާގެން ކުލިޕު ދޫވެއްޖެ ނަމަ ގޭސް ލީކުވާނެއެވެ. ގޭސްފުޅި ބަދަލުކުރުމުގައި ހޮޅިއަށް އަރާ ބުރުލަކުން ހޮޅީގެ ކޮޅެއް ދޫވެއްޖެ ނަމަ ގޭސް ލީކުވާނެއެވެ.

5. ރަނގަޅު ރެގިއުލޭޓަރެއްކަން ކަށަވަރުކުރުން.

ބާޒާރުގައި ތަފާތު ވައްތަރުގެ ރެގިއުލޭޓަރު ލިބެން ހުރެއެވެ. އެންމެ ރަނގަޅު ރެގިއުލޭޓަރަކީ ގޭސް ލީކުވާނަމަ އަމިއްލައަށް ގޭސް ބަންދުކޮށްދޭ ރެގިއުލޭޓަރެވެ. މިކަން އެނގޭ މީޓަރު ހުންނަ ރެގިއުލޭޓަރު މާލޭ ބާޒާރުގައި ވެސް އެބަހުއްޓެވެ. އެއްވެސް މައްސަލެއް ފާހަގަ ކުރެވޭނަމަ އަވަހަށް ރަނގަޅު ރެގިއުލޭޓަރަކަށް ބަދަލުކުރާށެވެ.

6. ގޭތެރެއަށް ގޭސް ލީކުވެފައި ނެތްކަން ކަށަވަރުކުރުން

ގޭހަކީ އޭގެ ޒާތުގައި އެއްވެސް ވަހެއް ހުންނަ އެއްޗެއް ނޫނެވެ. އެކަމަކު ކައްކަން ބޭނުންކުރާ ގޭހުގައި ނުބައި ފާޑުގެ ވަހެއް ދުވާގޮތަށް ހުންނަނީ ހަދާފައެވެ. ގޭސް ލީކުވެފައި ހުރިއްޔާ އެ ވަސް އެތަނެއްގައި ދުވާނެއެވެ. މިހާރު ބާޒާރުގައި ގޭސް ލީކު ދެނެގަނެވޭ ގޭސް ޑިޓެކްޓަރ ލިބެން އެބަހުއްޓެވެ .

ގޭހުގެ ގޮވުންތަކުން ސަލާމަތްވެ ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކަކީ އެކަމުގެ ނުރައްކަލާއި ލިބޭ ގެއްލުމަށް ބަލާއިރު ވަރަށް ކުޑަކަމެކެވެ. ގޭސް ގޮވުންތަކުން ސަލާމަތްވުމަށް ގޭސް އުނދުން ބޭނުން ކުރުމުގައި ވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ.

1. އުނދުން ޖެއްސުމުގެ ކުރިން ނުވަތަ ކަރަންޓް ސްވިޗެއްފަދަ އެއްޗެއް ޖެއްސުމުގެ ކުރިން އުނދުން ހުންނަ ބައިގެ ދޮރުތައް ހުޅުވާލުން.
2. އުނދުން ޖެއްސުމުގެ ކުރިން އުނދުނުގެ ގޮބުހުރީ ގޭސް ނާންނަ ގޮތަށް ބަންދުކޮށްފައިތޯ ޔަގީންކުރުން.
3. ކުޑަކުދިން އުނދުނާ ކުޅުނަ ނުދިނުން.
4. ގޭސް ވަސް ދުވާނަމަ އުނދުނާއި އެތަނުގެ ކަރަންޓް ސުވިޗެއް ވިޔަސް ނުޖައްސައި މައްސަލަ ހޯދައި އަވަހަށް ހައްލުކުރުން.
5. ރޭގަނޑު އެންމެފަހުން އުނދުން ބޭނުކޮށް ނިމުމުން ގޭސް ފުޅިން ގޭސް ބަންދުކޮށްލުން.
ގޭސް ގޮވުންތަކުން ހިނގާ އަލިފާނުގެ ހާދިސާތަކުން އެ މީހަކާއި އެ މީހެއްގެ އާއިލާ ސަލާމަތްކުރުމަށް ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީއެވެ. ހާދިސާއެއް ހިނގައިފިނަމަ އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެއެވެ. ގޭތެރެއިން ގޭސް ވަސް

ނުވަންޏާ އަޅާނުލައި ނުހުންނާށެވެ. އަވަހަށް ފިޔަވަޅު އަޅާށެވެ.
މަޢުލޫމާތު: ވޮރަންޓް އޮފިސަރ 2 ޢާސިމް ރަޝީދު އާއި ސްޓާފް ސާޖެންޓް ޝާހީން މުޙައްމަދު. 10 އެޕްރީލް 2021 ގައި ބޭއްވި ފަޔަރ އެވެއަރނަސް ޕްރޮގްރާމް. ފަޔަރ އެންޑް ރެސްކިޔު ސާރވިސް، މޯލްޑިވަސް ނޭޝަނަލް ޑިފެންސް ފޯސް.