ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އުފައްދާ ގޮތަށް ހިމަނައި، "ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުު" މިއަދު އާންމުކޮށްފިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިކަމާބެހޭ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ އެ ގަވާއިދުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކުރުމާއި، ދިވެހިރާއްޖޭގައި ކުރެވޭ ހިބަރުގެ މަސްވެރިކަމުގެ ފައިދާ
ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި ހިބަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް ރާވައި، ހިންގައި،
ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުން ކަމަށް އެ ގަވާއިދުގަ ބުނެފަ ވެއެވެ.
މި ގަވާއިދުގައި ވާގޮތުން ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކުރުމާއި މުރާޖަޢާކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި އެ ޤަވާއިދަށް އަމަލުކުރާންފަށާތާ ތިން މަސްދުވަހުގެ ތެރޭގައި "ހިބަރު މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ“ އެކުލަވައިލަން ޖެހެއެވެ.
އެ ކޮމެޓީއަށް މެންބަރުން އައްޔަނުކުރުމުގެ ބާރު ދީފަވަނީ ފިޝަރީޒް މިނިސްޓަރަށެވެ. އެ ކޮމެޓީގައި ފިޝަރީޒް ނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބަކާއި، އެމް އެމް.އާރ.އައި ތަމްސީލު ކުރާ މަންދޫބަކާއި، ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލް ކުރާ 3 މަންދޫބުންނާއި، ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލު ކުރާ 2 މަންދޫބުންނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ތަމްސީލް ކުރާ މަންދޫބަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލު ކުރާ މަންދޫބަކާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލު ކުރާ މަންދޫބެއްގެ އިތުރުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް މަންދޫބެއް ހިމަނަން ޖެހެއެވެ.
މިކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހިބަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީދުކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޛުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއް ފަހަރު ފިޝަރީޒް މިނިސްޓަރަށް ރިޕޯޓް ކުރުމާއި، ހިބަރުގެ މަސްވެރިކަމާގުޅޭ ފަންނީ އަދި އެހެނިހެން މަޢުލޫމާތު އެކުލެވޭ ރިޕޯޓްތައް މުޠާލިޢާކުރުން ހިމެނެއެވެ.
މީގެއިތުރުން ހިބަރުގެ މަސްވެރިކަމާގުޅޭ ފަންނީ މަޢުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި، ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުންނާއި، މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމާއި، ސަރަޙައްދީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި ހިބަރުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޛުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުންމާއި އަދި ހިބަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކޮށް، މުޠާލިޢާކޮށް މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން ހިމެނެއެވެ.
"ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުު" ގައި އެ ކޮމެޓީއާއި ގުޅޭ ކަންކަމުގެ އިތުރުން ހިބަރު މަސްވެރިކަމަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަށް ވެސް ވަނީ ހިމަނާފަ އެވެ.
ހިބަރު މަސްވެރިކަމަކީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ފުޅާދާއިރާއެއްގައި ކުރާ، ރަނގަޅު އާމްދަނީއެއް ވެސް ލިބޭ މަސްވެރިކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!