ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކުން ނެގި ތިން ސާމްޕަލެއް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.
މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މިއަދުގެ 15:28 އިން ފެށިގެން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކުން ނެގި ތިން ފުލޫ ސާމްޕަލްއެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"އެންމެހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރަން. އެގޮތުން މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް މެނުވީ ނުދިއުމާއި، ރޯގާގެ އަލާމާތްތައް ހުރި ނަމަ ލަސްނުކޮށް ސާމްޕަލް ނެގުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރަން." އަޙްމަދު ދާއޫދު ވިދާޅުވެފަ ވެއެވެ.
ކޭއާރްއެޗްއިން ވިދާޅުވީ، މި ކޭސްތަކާއި ގުޅުން ހުރި އިތުރު މީހުންގެ ސާމްޕަލްތައް މިއަދު ނެގޭނެ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކޭއާރުއެޗްގެ ކޯވިޑް-19 ހޮޓްލައިންއަކީ 7606688 އެވެ.
ކުޅުދުއްފުށީ ފްލޫ ކްލިކަށް ދެއްކި ތިން މީހެއް ޕޮޒިޓިވްވިއިރު، ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހެއް ވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. އިއްޔެ ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން މިހާރު ވަނީ 30 ހާހަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!