ރާއްޖޭގައި އިންޓަނެޓްގެ އަގު ހެޔޮ ކުރުމާ ބެހޭ ގޮތުން މީޑިއާގައި ދައުރުވަނީ އެންމެ ސައްހަ ޚަބަރު ނޫންކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ނިންމާފައި ވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރޭ ވަނީ ޚަބަރު ފަތުރާފައެވެ.

Ad
rt

އެ ޚަބަރަށް އިޝާރާތް ކުރަށްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިންޓަނެޓްގެ އަގާމެދު ދައުރުވަމުން ދާ ޚަބަރުތަކަކީ 100 ޕަސަންޓް ސައްހަ ޚަބަރުތަކެއް ނޫން ކަމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމާ ބެހޭގޮތުން ޓެކްނޮލޮޖީ ސިނާއަތުގެ ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ފާއިތުވި 2 މަސް ވެސް އެމަސައްކަތް ކުރެވުނު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އަދި މިހާތަނަށް އިންޓަނެޓްގެ އަގާގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، ވަރަށް އަވަހަށް އެދެވޭ ބަދަލުތަކެއް ފެންނާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.