ހދ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދަނިކޮށް، މިހާރު އެ ރަށު ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދާ ފަންސާސް އަހަރުން މަތީގެ މާމައަކާއި، 10-12 އަހަރާދެމެދު ދެ މާމަ ދަދަރިން ހިމެނޭ އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

Ad
rt

އެ ޢާއިލާއަށް ހިޔާ ފައުންޑޭޝަނުން ފޯރުކޮށްދިން އެހީގެ ތަކެތި އެ ޢާއިލާއާއި ހަވާލުކުރީ އިއްޔެއެވެ. އެ ފައުންޑޭޝަނުން އެތަކެތި ނޭކުރެންދޫއަށް ފޮނުވުން އެޢާއިލާއާއި އެތަކެތި ހަވާލުކޮށްދެއްވީ ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރެވެ. އެ ޢާއިލާއިން އެތަކެއްޗާ ހަވާލުވީ މާމައެވެ.

މިއެހީތެރިކަން ފޯރުކޮށް ދެއްވި ހިޔާ ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ އައިމިނަތު ޔުމްނާ "ތިލަދުން"އަށް ވިދާޅުވީ، އެ ޢާއިލާގެ މައުލޫމާތު ލިބުނީ ނޫސް މެދުވެރިކޮށް ކަމަށެވެ.

"ނޭކުރެންދޫގައި ވަރަށްހާލުގައި ޢާއިލާއެއް އުޅެމުންދާކަމަށް އަޅުގަނޑުމެންނަށް ފެނުނީ ނޫހުން، އެރަށު ރައްޔިތުންނާއި ކައުންސިލް އެ ޢާއިލާއަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ކަމަށް އޮތް ޚަބަރެއް އެއީ، ދެން އަޅުގަނޑުމެން ވެސް ބެލީ މި ފައުންޑޭޝަނަކީ ކިތަންމެ ޅަފަތުގައި އޮތް ފައުންޑޭޝަނެއް ނަމަވެސް ވެވުނު އެހީތެރިކަމެއް އެ ޢާއިލާއަށްވާން، އެ ގޮތުން މި އެހީތެރިވީ" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ހިޔާ ފައުންޑޭޝަންގެ އަމާޒަކީ ވެސް މުޖުތަމައުގައި ދަތިހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުންކަމަށެވެ. އަދި އެ ފައުންޑޭޝަނަށް ވީމިންވަރަކުން އެފަދަ ފަރާތްތައް އެހީތެރިވަމުން އަންނަކަމަށް ޔުމްނާ ވިދާޅުވިއެވެ.

ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދަނިކޮށް، މިހާރު އެ ރަށު ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިންއިރު، އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ގުޅިގެން އަންނަނީ ބާރުމިނެއްގައި ކުރަމުންނެވެ.

އެ ޢާއިލާއަކީ ކުރީން ރަށުން ބޭރުގައި ދިރިއުޅެފައި، މިފަހަކުން އެރަށަށް ބަދަލުވި ޢާއިލާއެކެވެ. އެރަށަށް ބަދަލުވުމަށްފަހު އެ ޢާއިލާ އެރަށުގެ އެކި ގޭތަކުގައި އުޅެފަ ވެއެވެ. އެންމެފަހުން އެ ޢާއިލާ ދިރިއުޅުނީ ރަށުގައި ހުރި "ދަރު ގެއެއް" ކަހަލަތަނެއްގައި ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެފަ ވެއެވެ.

އެ ޢާއިލާ އެހާލުގައި އުޅެން ފެށުމުން ރަށުކައުންސިލުން އެ ޢާއިލާ ހުސްކޮށްހުރި، ރަނގަޅު ފެންވަރެއްގެ ގެއަކަށް ބަދަލުކުރީއެވެ. އަދި އެ ޢާއިލާއަށް ރަނގަޅު ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ އެހިސާބުން ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

އެ ޢާއިލާގައި ހިމެނޭ ދެކުދިންގެ މަންމައާއި ބައްޕަވަނީ ވަކިވެފަ ކަމަށް އެރަށުން މައުލޫމާތުދިން މީހުން ބުންޏެވެ. މަންމަ ރަށެއްގައި ވަޒީފާއެއްގައި އުޅޭ ކަމަށް ވެއެވެ. ބައްޕައުޅޭވަކިތަނެއް ނޭނގޭ ކަމަށް ވެއެވެ.