އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއަށް ފަންޑުކުރުމަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު، މިއަދު ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފައެވެ.
ޔޫއޭއީގައި ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއަށް މަޝްރޫއަށް ފައިސާ ހޯއްދަވަން ޝާހިދުވަނީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެ ބޭފުޅާ އެކަމާއި މެދު ވިސްނަވާނެކަމަށާއި އަވަހަށް ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ފަންޑުގެ އެހީގައި ނ. މާފަރުގައި ތަރައްގީކުރަމުންދާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކަންކަން ނިންމައި، އޮޕަރޭޝަންތައް ފެށުމަށްޓަކައި ރާވަމުންދާ މަސައްކަތްތަކުގެ ވާހަކަވެސް ދެބޭފުޅުން ދެއްކެވިކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިސަރުކާރުން ހިންގުމަށް ރާވާފައިވާ އައްޑޫސިޓީގެ ތަރައްގީގެ ބިޔަ މަޝްރޫއުއަށް އެހީވުމަށް އިންޑިޔާގެ ސަރުކާރުންވެސް ވަނީ ނިންމާފައެވެ. ރާއްޖެއަށް އިންޑިޔާއިން ދޫކުރި 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް ވަނީ އައްޑޫ އާރބަން ޑިވެލޮޕްމެންޓާއި، 36 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަޝްރޫއުތައް ހިންގޭނެކަމަށް މީގެ ތިންމަސް ކުރިން ސަރުކާރުންވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!