އަވަށްޓެރި އިންޑިއާގައި ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އެކަމާމެދު ރާއްޖެއިން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެ އެވެ.
ޑރ. މައުރޫފް މިހެން ވިދާޅުވީ، "އެންމެ ހާލަތު ގޯސް އިންޑިއާގެ މީހުންނަށް ރާއްޖޭގައި ހާއްސަ "ކަރަންޓީން ޕެކޭޖު""މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޚަބަރުގައިވާގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކަށާއި، އެނޫން ވެސް ބައެއް މަންޒިލްތަކަށް ދިއުމުގެ ކުރިން އިންޑިއާ މީހުން ރާއްޖެއަށް ކަރަންޓީނުވާން އަންނަކަމަށް ބުނެފަ ވެއެވެ. އަދި ބައެއް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި މިހާރު އެންމެ ގިނައީ ވެސް "ކަރަންޓީނު ޕެކޭޖް"ގެ ދަށުން އައިސްފައި ތިބި އިންޑިއާގެ މީހުން ކަމަށް ވެސް ބުނެފަ ވެއެވެ.
އެ ޚަބަރު ހިއްސާކުރަށްވަމުން ޑރ. މައުރޫފް ވިދާޅުވީ، އިންޑިޔާގައި ނަގާފައިވާ ކޯވިޑްގެ ބިޔަ ރާޅުގެ ބަނޑު ދޮށުގައި ރާއްޖެ ވެދާނެ ކަމަށް ސަމާލުވެ ކުރަން ޖެހޭ ކަންތައްތަކެއް ކުރާންޖެހޭ ކަމަށެވެ. ރައްޖެ ކުޑަޔަސް، ރާއްޖެއަކީ މުސްތަގިއްލު ގައުމެއްކަމަށާއި، ރައްކާވެ ތިބިއްޔާ ދަތުރެއް ކަމަށް ވެސް އޭނާ ވިދާޅުވެފަ ވެއެވެ.
"އިންޑިޔާގައި ނަގާފައިވާ ކޯވިޑްގެ ބިޔަ ރާޅުގެ ބަނޑު ދޮށުގައި ރާއްޖެ ވެދާނެ ކަމަށް ސަމާލުވެ ކުރަން ޖެހޭ ކަންތައްތަކެއް ކުރާށެވެ. ރައްޖެއަކީ ކުޑަޔަސް، މުސްތަގިއްލު ގައުމެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ!" -ޑރ. މައުރޫފް ހުސައިން-
ޑރ. މައުރޫފް މިހެން ވިދާޅުވިއިރު އިންޑިއާގެ ކޯވިޑްގެ ހާލަތު ވަރަށް ގޯހެވެ. އިއްޔެ އެކަނިވެސް އެ ޤައުމުން 345،147 މީހުން އަލަށް އެ ބައްޔަށް ޕޮޒިޓިވްވިއެވެ. މިހާތަނަށް އެ ޤައުމުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 16,602,456 އެވެ. އެބަލީގައި އެ ޤައުމުން މިހާތަނަށް 189,549 މީހުން ވަނީ މަރުވެފަ އެވެ. އިއްޔެވެސް 2,621 މީހަކު މަރުވިއެވެ.
ކޯވިޑްގެ ހާލަތު ގޯސްވެ، އިންޑިއާގެ ހެލްތު ސިސްޓަމަށް ނުކަތާވަރުވެފައިވާއިރު، ހޮސްޕިޓަލްތައް ފުރި އެ ޤައުމުން އޮކްސިޖަން ލިބުމުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!