ރާއްޖޭގެ މަސް ބާނަން ބޭނުން ކުރާ އޮޑި ދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީންދީފިއެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ދޯނިތަކުގައި މަސައްކަތް ކުރުމުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ބޭރުގެ ރީޓެއިލަރުން ގަބޫލު ކުރާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން މި ހުއްދަ ދިނުމުން އިންޑަސްޓްރީއަށް ވެސް ފައިދާ ވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ހުއްދަ ދޭން ނިންމީ މަސް ދޯނިތަކުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަން ކުރިމަތި ވާތީ ކަމަށެވެ.
މި ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާއި އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ދެ ބިދޭސީންގެންގުޅެވޭނެއެވެ. އެއީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކޮށް، ބެލެހެއްޓުމަށެވެ.
މި ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ގެންގުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް ސައްހަ ހުއްދައެއް އޮވެގެން މަސައްކަތްކުރާ ފަރާތްތަކެއްކަން ޔަގީންކުރަންމިނިސްޓްރީން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!