މިއީ މީގެ ދެ އަހަރު ކުރިން ހދ.ނެއްލައިދޫ ފާތުމަތު ޝިޔާޒާ (ޝިޔާ) އޭނާ ދިރިއުޅެމުން އަންނަ ހދ.ކުޅުދުއްފުށީގައި ވަރަށް ކުޑަ ގޮތަކަށް ފަށައިގަތް މަސައްކަތެކެވެ.
ގޭގައި ހުރެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ނިޔަތުގައި ސަބްމެރިން ހަދައިގެން ވިއްކަން ފެށިއެވެ. ފުރަތަމަ ޝިޔާގެ ސަބްމެރިންގެ ރަހަ ކުޅުދުއްފުށީގައި ލައްވާލިއެވެ. މަސައްކަތް ފެށި ދުވަހުން ފެށިގެން މިއަދާ ހިސާބަށް ވެސް މި މަސައްކަތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންން ޝިޔާގެ ވިޔަފާރި ކުޅުދުއްފުށީގެ އިތުރުން އެންމެ އުތުރުގެ ދެ އަތޮޅުގެ ރަށްތަކުގައި މިހާރު މި ވަނީ ލާން ފަށާފައެވެ.
ފުރަތަމަ ސަބްމެރިން ހަދައިގެން ވިއްކި ނަމަވެސް، ޝިޔާސް ސްޕެސިއަލް ނަމުގައި ފޭސްބުކް ޕޭޖްހަދައި އެހެން މީހުންނަށް މިކަން އިސްތިހާރުކޮށް ސަބްމެރިންގެ އިތުރުން ސަބްމެރިން ސޯސް ހދ.އަތޮޅުގެ ގިނަ ރަށްތަކަކަށް މިހާރު ޝިޔާ އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ހއ.ގެ ބައެއް ރަށްތަކަށް ވެސް މި ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
މިހާރު ޝިޔާސް ސްޕެޝިއަލް ސަބްމެރިން ސޯސް ފޯރުކޮށްދެމުން އަންނަ ހދ އަތޮޅުގެ ރަށްތަކުގެ ތެރޭގައި ނެއްލައިދޫ، ކުމުންދޫ، ނައިވާދޫ، ނޮޅިވަރަންގެ އިތުރުން ވައިކަރަދޫ ހިމެނެއެވެ. އަދި ހއ.ބާރަށަށް ވެސް ޝިޔާ އަންނަނީ ސޯސް ފޯރުކޮށްދެމުންނެވެ.
ކުޅުދުއްފުށީގެ ހަތް ފިހާރައަކުން މި ސޯސް މިހާރު އަންނަނީ ވިއްކަމުންނެވެ. އެ ފިހާރަތަކުގެ ތެރޭގައި ހިމެނެނީ ބިންގަލް، ލިޒީމާޓް، ފެޝަންވޭ، ސަތޭކަ ފިހާރަ، ގެމަ، ފްރުޓް އެންޑް ވެޖް ސިޓީގެ އިތުރުން ރިއަލް ޕޮއިންޓެވެ. ޝިޔާ ބުނެފައިވަނީ ރޯދަމަހަށް ކަސްޓަމަރުންނަށް ސަބްމެރިން ސޯސް ފޯރުކޮށްދިނުމުގެ ގޮތުން އެ ސޯސް ވިއްކަން ބެހެއްޓުމަށް ފުރަތަމަ ނިންމީ ތިން ފިހާރައިގައި ކަމަށެވެ. ނަމަވެސް ހަތް ފިހާރައަށް އިތުރު ވެގެން ގޮސްފައި ވަނީ އެ ފިހާރަތަކުން އެދުނު އެދުމުގެ މަތިން ކަމަށެވެ.
ބޭނުންވާ ދުވަހުގެ ދެ ދުވަސް ކުރިން ރިކުއެސްޓް ކޮށްލުމުން އެންމެ އުތުރުގެ ދެ އަތޮޅުގެ ކޮންމެ ރަށަކަށް ވެސް މި ޚިދުމަތް ޝިޔާ ފޯރުކޮށްދެމުން އަންނަނީ ހަމަ ކުޅުދުއްފުށީގައި މި ސޯސް ވިއްކަމުންދާ އަގުގައެވެ. ކަނޑު ހުރަސްކޮށް ފޮނުވަން ޖެހުނު ކަމުގައި ވިޔަސް އެކަމަކަށް ކަސްޓަމަރުން އެންމެ ރުފިޔާއެއް ވެސް އިތުރަށް ދައްކާކަށް ނުޖެހެއެވެ.

ޝިޔާ ބުނެފައިވަނީ މި މަސައްކަތަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުން ލިބޭ އާމްދަނީ ވެސް ރަނގަޅު ވެފައިވާ ކަމަށާއި، އަދި މި މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ފީޑްބެކްތައް ވެސް ވަރަށް ރަނގަޅު ކަމަށެވެ. ޝިޔާގެ މި މަސައްކަތުގައި އަބަދު ވެސް ރަހަ އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
ޝިޔާގެ ސްޕެސިއަލް ސަބްމެރިން ސޯސް ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން (ޝިޔާސް ސްޕެޝިއަލް ފޭސްބުކް ޕޭޖަށް) ޒިޔާރަތް ކޮށްލައި ރިކުއެސްޓް ކޮށްލާށެވެ. ނުވަތަ 7411934 ނަމްބަރާއި ގުޅައިގެން ކުރިއަށް ގެންދާށެވެ.
ޝިޔާގެ މި މަސައްކަތުގައި ފިރިމީހާ ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝިޔާ ވަނީ ފިރިމީހާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މިތަކެތި އޮންލައިންކޮށް އިޝްތިހާރު ކޮށްދިނުމުގެ މަސައްކަތް ކޮށްދެމުން އަންނަ ގާތް ރަހުމަތްތެރިޔާގެ ނަންވެސް ޝިޔާ ވަނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!