ރަމަޟާން މަހާއި އެމަހުގައި އަހަރެމެން އެންމެން މި ހިފާ ރޯދައިގެ ޖިސްމާނީ - ޞިއްޙީ ފައިދާތަކަކީ އަހަރެމެން ވަރަށް ގިނައިން އަޑު އަހާ ވާހަކަތަކެކެވެ.
ރޯދައިގެ ސަބަބުން ހަށިގަނޑުގެ އާންމު ދުޅަހެޔޮކަން ރަނގަޅުވުން، ބަރުދަން ލުއިވުން، އާންމުބަލިތައް ޖެހުމުން ދުރުވުން، މައިދާގެ ބަލިތައް ޖެހުމުން ދުރުވުން، ހަކުރު ބައްޔާއި، އަލްޒައިމާސް ފަދަ ބަލިތަކުން ދުރުވާ ކަމަށްވެސް ސިއްޙީ ބައެއް މާހިރުން ވިދާޅުވެއެވެ. ނަމަވެސް ރޯދައިގެ ސަބަބުން ލިބޭ ސައިކޮލޮޖިކަލް ނުވަތަ ނަފްސާނި ފައިދާތަކުގެ ވާހަކަ ދެކެވެނީ ވަރަށް މަދުންނެވެ.
މިކަންތަކާ މެދު ވިސްނާލެވެނީވެސް ވަރަށް މަދުފަހަރަކުއެވެ. އެހެންނަމަވެސް ރޯދައާގުޅިގެން އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ ނަފްސާނީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ފާހަގަ ކުރައްވާ ކަމެކެވެ. އަދި މިދާއިރާގައި ހެދެމުން ދާ ރިސާޗް ތަކުން އެކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދެއެވެ.
ރޯދައިން ލިބޭ ނަފްސާނީ ފައިދާތަކުގެ ތެރޭގައި:
- މޫޑު ރަނގަޅުވުން.
ގިނަ އިރުތަކަކަށް ރޯދައަށް ތިބުމަށްފަހު ރޯދަ ދޫކޮށްލުމާއެކު ދެން އެދުވަހުގައި އެހޭދަވާ ވަގުތު ތަކުގައި ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކާއެކު، ނަފްސަށް އުފާވެރިކަން ގެނުވާކަމީ ހޯދުންތަކުން ކަށަވަރުވެފައިވާ ކަމެކެވެ. ހަމައެއާއެކު ބޮޑުކަމެއް ޙާޞިލުވުމުން އެއަންނަފަދަ އުފާވެރިކަމުގެ އިހުސާސްތައް ރޯދަވެރިންގެ ކިބައިން ފާހަގަވެއެވެ.
- ސްޓްރެސް އަދި އެންޒައިޓީ ގެ މައްސަލަތައް މަދުވުން.
ބައެއްމީހުންނަކީ ސްޓްރެސް އަދި އެންޒައިޓީގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ މީހުންނެވެ. ސްޓްރެސްއަކީ ކަންކަމާ ހާސްވެ ކަންބޮޑުވުމެވެ. ބައެއް މީހުންނަކީ ތަންކޮޅެއް އަވަހަށް ކަންކަމާ ހާސްވެ ކަންބޮޑުވާ މީހުންނެވެ. އަދި ބައެއްފަހަރަށް މާ ބޮޑު ކަމަކަށް ނުވާ ކަންކަމުގައިވެސް ހާސްވެ، މީހާ އޮށްދާހިއްލާގޮތްވެ، ވާނުވާ ނޭގޭ ހިސާބަށްވެސް ގޮސްދާނެއެވެ.
އެންޒައިޓީއަކީ ވަކި ހާލަތްތަކެއް ދިމާވުމުން އެކި ކަހަލަ އުނދަގޫތަށް އިހުސާސް ވުމާއެކު ހާސްވެ ކަންބޮޑުވެ، ނޭވާ ހާސްވުންފަދަ އެހެން ބައެއް އުނދަގޫތައްވެސް ތަހައްމަލު ކުރަން މެދުވެރިކުރުވާ ނަފްސާނީ ބައްޔެކެވެ. މިސާލަކަށް މިބަލި ހުންނަ ބައެއް މީހުންނަށް އެހެން މީހުންނާ ކުރިމަތިލައި ވާހަކަ ދައްކައި ހަދަން ޖެހުމުން އެކިކަހަލަ އުދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.
ސްޓްރެސް އާއި އެންޒައިޓީގެ މައްސަލަތަށް ހުންނަ މީހުންގެ މިމައްސަލަތައް ރޯދައާއެކު ކުޑަވާ ކަމަށް އެކި ދިރާސާތަކުން ދައްކައެވެ. ބައެއް ތަހުލީލު ތަކުން އެނގުނު ގޮތުގައި، ރޯދަ ހިފުމާއެކު، ސިކުނޑީގައި "އެންޓި-ޑިޕްރެސެންޓް" (ޑިޕްރެޝަން ބަލީގެ މީހުންނަށް ދޭ ބޭސް) ތައް މަސައްކަތް ކުރާ ގޮތަށް މަސައްކަތް ކުރާ ޕްރޮޓީން ތަކެއް އުފައްދައެވެ.
އޭގެ ސަބަބުން، ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަންގެ އުނދަގޫތައް މަދުވެގެންދެއެވެ. މީގެ އެންމެ ރަނގަޅު އެއްކަމަކީ، މާއްދީ ބޭސްތަކެއްގެ ބަދަލުގައި ގުދުރަތީ ވަސީލަތަކުން ފަރުވާ ލިބުމެވެ. މިކަން ހާމަވެ، ބައެއް ސިއްޙީ މާހިރުން ވަނީ ޑިޕްރެޝަނާއި އެހެނިހެންވެސް ނަފްސާނީ ބައެއް ބަލިތަކަށް ފަރުވާ ކުރުމަށް ރޯދަ ބޭނުންކުރެވިދާނެކަމަށް ލަފާދީފައެވެ.
- ކަންކަމަށް ރަނގަޅަށް ސަމާލުކަން ދެވުން.
ރޯދައާއެކު، ދިރިއުޅުމުގައި ކުރަން ޖެހޭ ކަންކަން ކުރުމުގައި، އެކަމަކަށް ދޭންޖެހޭ ސަމާލުކަން ރަނގަޅަށް ދިނުމަށް ފަސޭހަވެގެންދެއެވެ. އޭގެ ތެރޭގައި، ހެދުނު ހޭލައި، ތެދުވެލައި ހަދާލުން ފަދަ އާދައިގެ ކަންކަމުން ފެށިގެން ކާރު ދުއްވުން ފަދަ ސަމާލުކަން ބޮޑަށް ދޭންޖެހޭ ކަންކަންވެސް ހިމެނެއެވެ.
- ހަނދާނުގެ ބާރު ރަނގަޅުވުން.
ކުރިން އެބަޔާންވެދިޔަ ކަންތައް ކަމަށްވާ، ކަންކަމަށް ރަނގަޅަށް ސަމާލުކަން ދެވުމަކީ ހަނދާނުގައި ކަންކަން ގިނަވަގުތު ހަރުލައިފައި ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. އޭގެ މިސާލަކީ މުދައްރިސް ފިލާވަޅެއް ކިޔައިދޭއިރު، އެފިލާވަޅަށް މާބޮޑު ސަމާލުކަމެއް ނުދެވޭނަމަ، އެކިޔައިދިން އެއްޗެއް މާގިނައިރަކު ހަނދާނުގައެއް ނުހުރެއެވެ. ނަމަވެސް ރަނގަޅަށް ސަމާލުކަން ދީގެން އަޑުއަހަން އިންނަނަމަ، އެފިލާވަޅެއް، ގިނަވަގުތު ހަނދާނުގައި ހަރުލާފައި ހުރެއެވެ.
އޭގެ އިތުރަށް، މިސްކިތަށް ވަތް ވަގުތު ފައިވާން ބެހެއްޓިތަން، ކާރު ނުވަތަ ސައިކަލު ޕާކް ކޮށްލެވުނުތައް ފަދަ ތަންތަން ވެސް ހަނދާނުން ކައްސާނުލައި ގިނަ ވަގުތު ހުރެއެވެ. ރޯދައިގެ ސަބަބުން ހަނދާނުގެ ބައި ރަނގަޅުވާ އަނެއް ސަބަބަކީ އިންސާނާގެ ސިކުނޑީގެ ދަސްކުރުމާއި ހަނދާނުގެ ބައި ކޮންޓްރޯލް ކުރާ "ހިޕޯކެމްޕަސް" ގެ ސެލްތައް އާކޮށް، ތާޒާކޮށްދިނުމެވެ.
ރޯދަ ހިފުމަކީ އެންމެ ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް ދީނުގައި މުޅި އެއްމަސް އެއްކޮށް ރޯދަހިފުން ޝަރުޢު ކުރައްވާފައިވަނީ، އޭގެއިން އެތައް ބައިވަރު ފައިދާއާއި މަންފާ އިންސާނާއަށް ލިބިދެނިވި ގޮތުގައެވެ.
އެގޮތުން މިލިޔުމުގައި ބަޔާންވެދިޔަ ނަފްސާނީ ފައިދާތަކަކީ، ދީނީ، އިޖުތިމާޢީ، އަދި ސިއްޙީ ފައިދާ ތަކެކޭ އެއްގޮތަށް ރޯދަވެރިން ތަޖުރިބާ ކުރަމުންދާ ކަންތައްތަކެކެވެ. އަދި ރޯދަވެރިޔާއަށް ލިބޭ ރޫހާނީ ފައިދާތަކަކީވެސް ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ކުރިއެރުމަށް މަގުފަހި ކުރުވާ ވަރަށް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!