އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ އެވަޓަންއާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި، ލަނޑެއްޖަހައި ފުރަތަމަ ލީޑު ނެގީ ޓޮޓެންހަމުންނެވެ. އެއީ މެޗްގެ 27 ވަނަ މިނެޓުގައި ޓަންގުއީ އެންޑޮމްބެލޭ ހުރަސްކޮށްދިން ބޯޅައަކުން ކޭން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް މެޗްގެ ނަތީޖާ ހަމަހަމަވާން މާގިނައިރެއް ނުނެގިއެވެ. މިގޮތުން އޭގެ 4 މިނިޓް ފަހުން އޭރިއާ ތެރެއިން އެވަޓަނުގެ ހަމޭސް ރޮޑްރިގޭޒަށް ޓޮޓެންހަމުގެ ސާޖިއޯ ރެގީލޯން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އެވަޓަން ނަތީޖާ ހަމަހަމަކުރީ ގިލްފީ ސިގަޑްސަން ޖެހި އެ ޕެނަލްޓީ ޓޮޓެންހަމުގެ ގޯލަށް ވައްދާލައިގެންނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި އެވަޓަނުން ވަނީ ސިގަޑްސަންގެ ގޯލަކުން އަނެއްކާ ވެސް މެޗްގެ ލީޑު ނަގާފައެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ވެފައެވެ. ޓޮޓެންހަމްއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ކޭންގެ ގޯލަކުންނެވެ.
FT: Everton 2-2 Tottenham
Harry Kane rescues a point for Jose Mourinho's men as he scores in both halves.
Everton now without a win in their last five Premier League games despite a brace from Gylfi Sigurdsson.
Reaction on @5liveSport & here ⤵#bbcfootball #EVETOT
— BBC Sport (@BBCSport) April 16, 2021
މި މެޗުގައި ޓޮޓެންހަމްއަށް 2 ލަނޑުޖަހައިދިން ކޭންއަށް ވަނީ މެޗްގައި އަނިޔާވެފަ އެވެ. މެޗުގެ ފަހުކޮޅު ތަނބިކައްޓަށް ލިބުނު އެ އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލު ވެސް ކޮށްފައެވެ.
މި މެޗުގެ ހަމަހަމަ ނަތީޖާއާއިއެކު ޓޮޓެންހަމް އޮތީ ކުޅުނު 32 މެޗުން ލިބުނު 50 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގަ އެވެ. އަދި އެވަޓަނަށް 31 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. އެ ޓީމު އޮތީ ޓޮޓެންހަމުގެ ފުލުން އަށްވަނައިގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!