ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ޖުމްލަ 33 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރަށްވާފައިވާއިރު، އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ.
ޝާހިދު ވަނީ، އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއި ވެސް ބައްދަލު ކުރަށްވާފަ އެވެ. އޭގެ ތެރޭގައި އަލްޖީރިއާ، މޮރޮކޯ، ސެނެގަލް، ޓިއުނީޝިއާ، ޔުގެންޑާ، ޒެމްބިއާ، ރުވަންޑާ، ގިނީ އަދި ނަމީބިއާ ހިމެނެއެވެ.
މީގެ އިތުރުން ޔޫރަޕްގެ ޤައުމުތަކުގެ އިސް މަންދޫބުންނާއިވެސް މިނިސްޓަރ ބައްދަލުކުރައްވާފައިވާއިރު، އޭގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ސައިޕްރަސް، އަޔަލެންޑް، މާލްޓާ، ސްވެޑެން، ޑެންމާކް، އައިސްލޭންޑް އަދި ޕޯޖުގަލް ހިމެނެއެވެ.
މި ބައްދަލުވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި، ވެކްސިނޭޝަންގެ އިތުރުން ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް މަންދޫބުންނާއެކު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ދިއްލީގައި ހުންނަވައިގެން ފަރަންސޭސިވިލާތާއި ސްރީލަންކާގެ ފޮރިން މިނިސްޓަރުންނާއި ފޯނުން ގުޅުއްވައި މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދިއްލީގެ ހައިދަރްއާބާދު ހައުސްގައި އިއްޔެ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ވެސް ޝާހިދު ބައްދަލު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!