ކޯވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުގެނެސް، ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފިއެވެ.
އެ އުސޫލު އާންމުކުރަށްވައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުނު އެންގުމުގައި ބުނީ، 2021 އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ލުއިތައް ދިނުމަށް ނިންމާފައިވާ ފިޔަވަޅުތައް އާންމުކުރާ ކަމަށެވެ.
މިގޮތުން 20 އޭޕްރިލް 2021 އިން ފެށިގެން އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.
އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތައް ކުރަންޓީނު ނުލައި ދަތުރު ކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފަ ވެއެވެ. މިފަދަ ފަރާތްތައް ކަރަންޓީނު ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި ޢަމަލު ކުރާނެ ގޮތް ވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. އެ ގޮތްތަކަކީ:
- ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) 5 އިންސައްތަ އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
- ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން
ފަތުރުވެރީން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2
ހަފުތާ ވެފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފަ ވެއެވެ. ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންވާނެ ކަމަށާއި، ނުވަތަ އެފަދަ ފަރާތްތައް ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފަ ވެއެވެ.
އެ ފަރާތްތަކަކީ:
- ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
- ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް،
- ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް،
- ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.
މި އެންގުމަށް އަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށް، އެޗްޕީއޭ އިން އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖޭގައި އިއްޔެގެ ނިޔަލަށް 274،782 މީހަކަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު، 28،970 މީހަކަށް ވަނީ އެ ވެކްސިންގެ ދެ ވަނަ ޑޯޒް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!