ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާ ހިނގި ސަރަހައްދުން ލަގެޖް ފޮއްޓެއް ފެނިއްޖެއެވެ.

ހަނިމާދޫ ޒުވާނަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުގައި ފީނަން އުޅެނިކޮށް ފޮއްޓެއް ފެނިފައިވާ ކަމަށެވެ. އަދި އަމާނަތްތެރިކަމާއެކު ފޮއްޓަށް އެއްވެސް ގެއްލުމެއްނުދީ މިހާރު އެ ފޮށި ވަނީ ހަނިމާދޫ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށް އޭނާ ބުނެފައިވެއެވެ.

Ad
rt

މި ފޮއްޓަކީ ލޯންޗުން ދަތުރުކުރި މީހެއްގެ ފޮއްޓެއްކަން އަދި ޔަގީންވެފައި ނުވި ނަމަވެސް، ބަލާ ބެލުމަށް މި ފޮށި މޫދު އަޑިއަށް ދިޔަތާ މާގިނަ ދުވަސްތަކެއް ވެފައެއްނުވެއެވެ. އެހެންކަމުން މި ފޮއްޓަކީ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަޑިއަށް ގޮސްފައިވާ ފޮއްޓެއް ކަމަށް ބެލެވެއެވެ.

މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ހިނގާދިޔަ މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަސް މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެ އެވެ. އެއީ ދެމަފިރިންނާއި އެ ދެމީހުންގެ އަންހެން ދަރި އަދި ކާފަ ދަރިއެކެވެ. ލޯންޗު ބަނޑުން ޖަހާލާފައި ވަނީ މޫސުން ގޯސް ދުވަހެއްގައި ހަނިމާދޫ ކަނޑު އޮޅިން ވަންވަން އުޅުމުގެ ތެރޭގައެވެ.