ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް 16 ރަށެއް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިރޭ ކުރި އިޢުލާންގައި ތިލަދުންމަތިން ހުޅުވާލާފައިވަނީ 2 ރަށާއި 1 ފަޅެވެ. އެއީ ހއ އަތޮޅުން ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅެވެ. ހދ. އަތޮޅުން ހުޅުވާލާފައިވަނީ ކުޑަފަރުފަސްގަނޑެވެ.

Ad
rt

މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ރިސޯޓު ހަދަން ހުޅުވާލި 4 ރަށުގެ ތެރޭގައިވެސް އަލިދުއްފަރުފިނޮޅު ހިމެނެ އެވެ. އެފަހަރު ހދ. އަތޮޅުން އިޢުލާންކުރީ ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ވައިކަރަމުރައިދޫން 15 ހެކްޓަރެވެ. މީގެ އިތުރުން ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ. އަތޮޅުގެ ކުންނަމެލައި ވެސް ރިސޯޓު ހަދަން ހުޅުވާލި އެވެ.

ނަމަވެސް މިރަށްތަކަށް އެއްވެސް ތަރުހީބެއްލިބިފައެއް ނުވެއެވެ. މައުލޫމާތު ސާފު ކުރަން ބޭއްވި ސެޝަންތަކުގައި 65 ޕާޓީ އަކުން ބައިވެރިވެ މައުލޫމާތު ހޯދިއިރު 4 ރަށުގެ ބިޑުފޮތް 7 ފަރާތަކުން ގަނެފައިވެއެވެ. ނަމަވެސް ބިޑު ފޮތް ހުށަ އެޅީ އެންމެ ފަރާތަކުން ނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނީ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު އަލަށް ރިސޯޓު ހަދަން ދޭ ރަށްތަކަށް ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށެވެ.

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މި ރަށްތައް ހުޅުވުމުން 18،000 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

މި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން މިހާތަނަށް އިއުލާނުކޮށްފައި ވަނީ އުލިގަމް ޔޮޓް މެރީނާ އާއި ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއްގެ އިތުރުން ކެލާގައި ސިޓީ ހޮޓަލެއް އެޅުމަށް އިއުލާނު ކުރި މަޝްރޫއެކެވެ. ކެލާ ސިޓީ ހޮޓަލުގެ މަޝްރޫއު މިހާރު ވަނީ ފެޑޯ އިންވެސްޓްމެންޓް އާ ހަވާލުކޮށްފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އަހަރު 15 ރިސޯޓެއް ހުޅުވާނެ އެވެ. މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރަން 10 ރަށްތަކެއް ނެރެގެން އެ ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.

އުތުރުގެ 4 އަތޮޅުން 11 ރަށެއް ފަތުރު ވެރިކަމަށް ހުޅުވާލައި އިޢުލާން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެެވެ. އަހަރެއްފަހުން މި 11 ރަށުގެ ތެރެއިން ބިޑްއަށް ހުޅުވާލެވުނީ 4 ރަށަކަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮން އަނެއްކާވެސް ތިލަދުންމަތިން މިވަނީ 3 ރަށް ކުއްލިގޮތަކަށް ބިޑަށްލާފަ އެވެ.

މިރޭ އިޢުލާންކުރި މިރަށްތައް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދޭކަމަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 28 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެމިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދެމެވެ.