އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ޝަރުތު ތަކަކާއި އެކު ކަރަންޓީނު ނުވެ، ރަށްރަށް ދެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދައިފި އެވެ.

މިއަދު އާންމުކުރި އެންގުމެއްގައިވާ ގޮތުން ކަރަންޓީން ވުމެއް ނެތި ވޯޓުލާން ރަށްރަށަށް ދެވޭނެ ފުރުސަތު އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

އެކަމަކު، 10 ދުވަހުގެ ކަރަންޓީނާ ނުލައި ދަތުރުކުރާއިރު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރަން ޖެހެ އެވެ.

އެއީ:

1- ވޯޓުލާ ސަރަހައްދު ފިޔަވައި އެހެން ތަންތަނަށް ނުދިއުން. މީގެ ތެރޭގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ތަންތަން އެންގުމުގައި ވަކިން ފާހަގަކޮށްފައިވޭ.

2- ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުންނަން ޖެހޭ.

3- މީހުންނާ ބައްދަލުކޮށް، ގޭގެ އަށް ޒިޔާރަތް ނުކުރެވޭނެ.

4- ވޯޓުލުމަށް ފަހު، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި، އެ މީހަކު އައި ރަށަކަށް އެނބުރި ދާންޖެހޭ.

5- ވޯޓުލާން ދަތުރަށް ފެށުމުގެ ކުރިން، ދަތުރުކުރާ ތާރީޚާއި އެ ރަށެއްގައި މަޑުކުރާނެ ތަނަކާއި މުއްދަތު ރަށުގެ ކަމާބެހޭ ފަރާތަށް އެންގުން.

6- ރަށުގައި ކަރަންޓީނު ވެފައި ނުވަތަ އެކަހެރި ވެފައިވާ މީހުން، ވޯޓުލާން ކަނޑައަޅާފައިވާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި ވޯޓުލުން.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ގެޒެޓް ކުރި އެންގުމުގައި ބުނީ، މި ޚާއްސަ އުސޫލުން ދަތުރުކުރެވޭނީ ވޯޓުލާން ދާ މީހުންނަށް އެކަނި ކަމަށެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު، އެ މީހުންނަށް ވޯޓުލެވޭނެ ގަޑިއަކީ ހޮނިހިރު ދުވަހުގެ ހަވީރު 5 އިން 6 އަށެވެ.

މި އެންގުން އިއުލާންކޮށްފައި މިވަނީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް އެެޗްޕީއޭގެ ހުއްދަ ނެތި ބައެއް ރިސޯޓުތަކަށް އެރުމުގެ ހުއްދަ ނުލިބުނު މައްސަލަތަކެއް މިއަދު ފެންމަތިވެފައި ވަނިކޮށެވެ.