ހދ. ކުމުންދޫގެ ތާރީޚްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވިގެންދާނެކަމީ މުޖައްރިބުކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށާއި، ތާރީޚްގައި ލިޔެވޭނެ ބޮޑު ދުވަހެއް ކަމަށެވެ.
ރާޢީ ވިދާޅުވީ، ވެރިކަމެއް ބަދަލުވެ އާ ވެރިއެއް ބަދަލުވާ ކޮންމެ ފަހަރަކު ކުމުންދޫގެ ރައްޔިތުން އެދެމުން ދިޔައީ އެންމެ ކަމަކަށް ކަމަށެވެ. އެއީ ތިމަން ގޭތެރޭހުރި ނަޖިސް ވަޅުގަނޑު ބަދަލުކޮށް ދިނުމަށް ކަމަށާއި، މިއާދޭސް ކުރާތާ ލައްކަ ޒަމާންވެއްޖެ ކަމަށް ރާޢީ ވިދާޅުވިއެވެ.
''2019ގައި އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް ގޮނޑިއަށް ކުރިމަތިލައިގެން މިރަށަށް އައުމުން ރަށުގެ ގިނަ ރައްޔިތުންތަކެއް އެދުނު އެދުމަކީ ގޮނޑި ކާމިޔާބުވެއްޖެނަމަ ސަރުކާގެ ތެރެއިން ނަރުދަމާގެ ހޯދުމަށް ވަރަށް މަސައްކަތް ކޮށްދެއްޗޭ، ރައީސްގެ އަރިހަށް މި ޝަކުވާ ގެންގޮސްދޭށޭ'' ރާޢީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަކުނުދޫ ދާއިރާގެ ގޮނޑިއަށް އޭނާ އިންތިޚާބުވިފަހުން ރައީސް ޞާލިޙާއި ބައްދަލުވި ފުރަތަމަ ދުވަހު ކުމުންދޫ ރައްޔިތުންގެ އެ ޝަކުވާ ރައީސް އަރިހު ދެއްނެވި ކަމަށެވެ.
"ވިދާޅުވީ ކުމުންދޫ ރައްޔިތުންނަށް ދަންނަވާށޭ އެރައްޔިތުން މިވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު ޔަޤީން ކަށަވަރޭ، ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްނިމި ނަޖިސްފެނުން ފެން ވެރުމާއި، ނަޖިސް ވަޅުގަނޑު ހިއްކަން އުޅެންޖެހޭ ޖެހުން ނިމުމަކަށް ގެންނާނަމޭ، މިއީ ބުނާބުނުމެއްނޫނޭ، ތިމަންނާ ކުރާނެ ކަމެކޭ" ރާޢީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަދު ކުމުންދޫގެ ލޮބުވެތި ރައްޔިތުންނަށް ފެނިގެން މިދަނީ ދޮޅުއަހަރުކުރިން ރައީސް ޞާލިޙް ވިދާޅުވި ބަސްފުޅުގެ ތެދުކަން ކަމަށެވެ. އަދި އެމަނިކުފާނަކީ ވަޢުދެއް ވެއްޖެއްޔާ ވަޢުދު ފުއްދާނެ ބޭފުޅެއް ކަމަށާއި، އޭގެ ހެކި ކުރިމަތިން ފެންނަން ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާޢީ ވިދާޅުވީ، ކޯވިޑްގެ ހާލަތު ބައްދަލު ނުކުރިނަމަ ނަރުދަމާގެ ބޭނުން މިހާރު ދާނީ ކުރަމުން ކަމަށާއި، އެއީ ޝައްކެތްވެސް ނެތް ކަމެއް ކަމަށެވެ.
"ތާރީޚަކީ ފޮހެވޭނެ އެއްޗެއްނޫން، މިރަށުގެ ތާރީޚް ފޮތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވިގެންދާނެކަމީ މުޖައްރިބުކަމެއް، މީގެ ދޮޅު އަހަރުކުރީން މިރަށުގެ ފަސްގަނޑުގައި ހުންނަވާފައި އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެދެއްވި މިވެރިކަމުގައި ކުމުންދޫގެ ފެނާ ނަރުދަމާ ނިންމައިދޭނަމޭ އެހެންވީމަ މިރަށުގެ ތާރީޚްގެ ސަފްހާތަކުން އެ މަނިކުފާނުގެ ނަންފުޅު ތާއަބަދަށް ދެމިއޮންނާނެ" ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ ފެންކުންފުނީގެ އެމްޑީ ޝާޙްގެ ނަމާއި، އެ ކުންފުނީގެ ޗެއާމަން މައުސޫމްގެ ނަންވެސް އެރަށުގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ.
ރާޢީގެ ވާހަކާގައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެންވެސް ވާހަކަ ދައްކަވާފަ އެވެ. މިގޮތުން އޭނާ ވިދާޅުވީ މަކުނުދޫ ދާއިރާގެ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކާއި، ފަށާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާމެދު ގޮތް ނިންމާނީ އެ 3 ރަށުގެ ރައްޔިތުންކަމަށެވެ. އަދި އެކަން ކުރެވޭނީ ސަރުކާރުގެ، އެމްޑީޕީގެ ކައުންސިލްތަކެއް އިންތިޚާބު ވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!