ވެންޓިލޭޓަރު މައްސަލާގައި ފެންނަނީ ސަރުކާރުން ބައިވެރިވެފައިވާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ، ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަތިޖެހުމުގެ ފުރުޞަތު ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.

''ސަރުކާރުން މިކަމުގައި ބައިވެރިވެފައިވާތަން ފެންނަނީ، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެ، މިކަން ބަދަލުކުރަންޖެހޭ، އަދި ރައްޔިތުންނާއެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން،'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވެން ނެތްކަމަށް ޕީޖީން އޭސީސީއަށް އެންގުމާއި ގުޅިގެން ރައީސް ނަޝީދު އެކަމާ ނުރުހުން ފާޅުކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕްގައި ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނާ ޗެޓްލޮގެއް ވެސް ރޭގައި ލީކްވިއެވެ. އެ ގްރޫޕްގައި ރައީސް ނަޝީދު ވަނީ ވަރަށް ނުރުހުންވެ އެ މައްސަލާގައި ޕީޖީ ޝަމީމް އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވައިފަ އެވެ.

ވެންޓިލޭޓަރު މައްސަލާގައި، ރާއްޖޭގެ ޓީވީގެ ''ފަށާއިރު،، ޕްރޮގްރާމްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލައިގެ ފައިސާ ވަތްތަނެއް ހޯދައި އެ މައުލޫމާތު ގެނެސްފި ނަމަ އެ މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށެވެ.