ހއ. ދިއްދޫގައި ހުންނަ ''ހއ. އަމާންވެށި''އިން އިތުރު ކުއްޖަކާއި، ކުދިން ބަލަހައްޓާ 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ވެއްޖެއެވެ.
އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 12 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި ހުރިހާ މީހުން މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ.
އެތަނުގައި ޕޮޒިޓިވްނުވެ، ތިބީ 3 ކުއްޖެކެވެ. އެ ކުދީން ތެރެއިން އެއްކުއްޖެއްގެ ނަތީޖާ އަދި ނުލިބޭއިރު، އަނެއް 2 ކުދިންގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.
މި މައުލޫމާތު ''ތިލަދުން''އަށް ހިއްސާކުރަށްވަމުން، ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވީ، ހއ. އަމާންވެށިން ޕޮޒިޓިވްނުވެ ތިބި ކުދީން ތިބީ އެ ތަނުގައި ތިބި އެހެން ކުދީންނާއި ވަކި ކުރެވިފަ ކަމަށެވެ.
އަމާންވެށިން ކޯވިޑަށް ޕޮޒިޓިވްވި ކުދިން ބަލަހައްޓާ 2 މީހަކު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް އިތުރު ފަރުވާ ބޭނުންވާތީ މިމަހުގެ 22 ވަނަ ދުވަހު ވަނީ ބަދަލު ކުރެވިފަ އެވެ.
މި މަހުގެ 6 ވަނަ ދުވަހު ދިއްދޫގައި ހުޅުވި ހއ. އަމާންވެއްޓަށް ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކު ހަމަ އެދުވަހު ވަނީ ބަދަލުކޮށްފައެވެ. އެދުވަހުން ފެށިގެން އެކުދީންނާއި، އެކުދީން ބަލަހައްޓާ މީހުން ވެސް ތިބީ، އެކުދީންގެ ކަރަންޓީނު މުއްދަތު ހަމަވަންދެން އެތަނުގައި ކަރަންޓީނު ވެގެންނެވެ.
އަމާންވެއްޓަށް ގެންދިޔަ 15 ކުދިން ތެރެއިން ފުރަތަމަ ޕޮޒިޓިވްވީ 1 ކުއްޖެކެވެ. އެކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!