ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެޑްމިޓް ކޮށްފައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ކޭއާރުއެޗްއިން މަޢުލޫމާތުދެމުން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ، ޅ. ނައިފަރުން އެހޮސްޕިޓަލަށް އިތުރު ފަރުވާއަށްގެނެސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހަކާއި އެމީހާގެ އެހީތެރިޔާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން މަނާ ކުރެވިފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ހުރިހާ ބޭފުޅުންވެސް މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އެހޮސްޕީޓަލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޅ. ނައިފަރުން ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެއް ޕޮޒިޓިވް ވުމާއި ގުޅިގެން ނައިފަރުވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ.
އެރަށުން އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން 60 ފަރާތެއް މިހާރު ކަރަންޓީނުގައި އެބަތިއްބެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 139 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 89 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 31 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 19 މީހަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 22،929އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 133 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 20،359 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،497 މީހުންނެވެ. އަދި 103 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި 6،659 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 623،614 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!