މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ، ގުޅީފަޅު ހިއްކައި މާލޭގެ ރައްޔިތުންކުރެ ގޯތި ބޭނުންވާ މީހުންނަށް ގޯތި އަދި ފްލެޓް ބެނުންވާ މީހުންނަށް ފްލެޓް ލިބޭ ތަނަކަށް އެތަން ހެދުން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޒޫމް މެދުވެރިކޮށް މާލޭ ސިޓީގެ ރައްޔިތުންގެ އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބުދެއްވުމަށް ރޭ ކުރިއަށް ގެންދެވި އޮންލައިން ބައްދަލުވުމެއްގައި މާލޭގެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އޭނާ ނުކުންނަވަނީ މާލޭގެ ރައްޔިތުންނަށް ޚިދުމަތްކުރުގެ އަޒުމްގައި އެ ނިޔަތުގައި ކަމަށެވެ.

Ad
rt

އެ ބައްދަލުވުމުގައި ބައިވެރިވި މާލޭގެ ރައްޔިތެއް ޝުއޫރު ފާޅުކުރަމުން ބުނީ، ޑރ. މުޢިއްޒު މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެން، މަަސައްކަތް ފެއްޓުވުމުން ވެރިކަންކުރާ އެމްޑީޕީއަށް ''ހަޖަމް'' ނުވާނެ ކަމަށެވެ. ''އިރާދަކުރެއްވިއްޔާ މުޢިއްޒު ހޮވޭނެ'' ކަމަށް ބުނެ އޭނާ ވަނީ، މުޢިއްޒު މާލޭގެ މޭޔަރުކަމުގެ ހުވާކުރައްވައި، މަސައްކަތް ފައްޓަވާ ހިސާބުން، ''ގާނޫނު ބަދަލުކޮށް ޒިންމާތަކާއި، މަސްއޫލިއްޔަތުތައް ހަނިކޮށްފިނަމަ ކަންކުރަށްވަނީ ކިހިނެއްތޯ'' ސުވާލުކޮށްފައެވެ.

''އަޅުގަނޑު ނުކުންނަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި، އެ އަޒުމްގައި އެ ނިޔަތުގައި، އަޅުގަނޑު ދެމިހުންނާނީ އިރާދަ ކުރެއްވިއްޔާ ހަމައެގޮތުގައި، އަޅުގަނޑު މަސައްކަތްކުރާނީ ސަރުކާރުން ރައްޔިތުންނާއެކީގައި މަސައްކަތްކުރަން ބޭނުންވާ ހުރިހާކަމެއްގައި އެންމެ އިސްނަގައިގެން ސަރުކާރުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި މާލޭ ރައްޔިތުންނާ ގުޅޭކަންކަމުގައި، ސަރުކާރަކަށް ޖެއްސުމެއްް ކުރާކަށް ނޫން، ރައްޔިތުންގެ ވިންދާ ނުގުޅޭ ކަމެއް ކުރިއަށް ގެންދާނަމަ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހަޅައިގެން އެކަމެއް ރަނގަޅު ކުރަން މަސައްކަތްކުރުން'' ޑރ. ޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އޭނާގެ މުޅި ފަލްސަފާއަކީ ވެސް އެއީ ކަމަށެވެ.

''އެއީ އަޅުގަނޑުގެ މުޅި ފްލަސަފާއަކީ، މިސާލަކަށް ގެދޮރުގެ މައްސަލާގައި މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ ކައިރީގައި މިއޮތް ގުޅިފަޅު ހިއްކުން، ހިއްކާފައި އެތަނަކީ މަލޭގެ ރައްޔިތުންކުރެ ގޯތި ބޭނުންވާ މީހުންނަށް ގޯތިދޭ، އަދި ފްލެޓް ބެނުންވާ މީހުންނަށް ފްލެޓް ލިބޭ ތަނަކަށް ހެދުން، މި ސުވާލެއްނެތް، ދެބަސްވުމެއްނެތް މައްސަލައަކަށް، އެކަން އެގޮތަށް، މިސަރުކާރުގެ ސިޔާސަތު މިދަނީ އެ ގޮތަކަށް ނޫން، ސަރުކާރުގެ ސިޔާސަތާ ރައްޔިތުންގެ ވިންދަކާ ދިމަލެއްނުވޭ، ދިމާއިދިކޮޅު، މިކަހަލަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ފަޅީގައި ހުންނަ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ތެދުވެރިވާ ރައްޔިތުން ބޭނުންވާގޮތަށް މިކަން ގެންދިޔުމުގައި، މިކަން ބައްޓަން ކުރުމަށްޓަކައި މަސައްކަތް ކުރާނަން، ސަރުކާރުން އެކަން ރައްޔިތުންނަށް ކޮށްދޭތޯ މަސައްކަތްކުރާނަން، އެހެނެއްނޫން ސަރުކާރުން ހުށަހަޅާކަންކަން އެއީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ކަންކަންކަމަށް ވަނީނަމަ، އެންމެ ފުރަތަމަ ކުރީސަފުގައި ހުންނާނެ މީހަކީ އަޅުގަނޑު،''ޑރ. ޢިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާ ވެވަޑައިގަންނަވާނީ، ރައްޔިތިތުންގެ ފަރާތުން މި ހުރިހާ ކަމެއްގައި، އާޚިރުގައި ކާމިޔާބުލިބޭ ފަރާތަކީ ރައްޔިތުންނަށް ވޭތޯމަސައްކަތްކުރާ މީހަކަށް ކަމަށެވެ. އަދި މިގޮތަށް މަސައްކަތްކުރާއިރު ގާނޫނީގޮތުން މޭޔަރަށް އޮންނަ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަދަލުކޮށް ހަނިކޮށް، އެމަގުންކަންކަން ކުރަން އުޅުމަކީ އެކަން ކުރަންއުޅޭ ފަރާތްތައް ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓޭނެ ކަމެއް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ތަކުރާރުކޮށް ޑރ. މުޢިއްޒު ވިދާޅުވީ، މޭޔަރުކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ މާލޭގެ ރައްޔިތުންނަށް ބޮޑުވެފައިހުރި މައްސަލަތައްހައްލުކޮށް މާލޭގެ ރައްޔިތުން ދާންބޭނުންވާ އަމާޒްތަކަށް ވާސިލްވުމަށް މަސައްކަތް ކޮށްދިނުމަށް ކަމަށެވެ.

''އަޅުގަނޑު ހޮވައިފިނަމަ ރައްޔިތުންގެ މި އަމާޒުތަކަށް ވާސިލުވުމަށްޓަކައި ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ހައްލުކުރަން މަސައްކަތް ކުރާނަން، އެކަންކަމަށް ހުރަސްއަޅާނަމަ އޭރުން އެދޭ މެސެޖަކީ ސަރުކާރުން ބޭނުމެއް ނުވެއޭ މާލޭގެ ރައްޔިތުންނަށްޓަކައި މިކަންކަން ކޮށްދޭކަށެއް، ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތަށް ހުރަސްއެޅުމުން އެއީކީ އެއް އަޅުގަނޑުހިތުން އޭގެ ނަތިޖާ ރައްޔިތުންނަށް ހިތްހަމަޖެހޭކަހަލަ ނަތިޖާއެއް ލިބޭނެ ކަމެއްނޫން، އާޚިރުގައި އެ ނިކަމެތިވެގެން ދަނީ މާލޭގެ ރައްޔިތުން، އެހާލައް ދާނެ ކަމަށް ގަބޫލެއް ނުކުރައްވަން، ގަބޫލުކުރާ ހިތްވަނީ މާލޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހުރިގޮތަށް ކަންކުރުމުގައި ދެމިހުންނަ ކަމުގައި ވަނީނަމަ އޭގެ ނަތިޖާ ރަނގަޅުވެގެން ދާނޭ، އޭގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ، ގެދޮރުވެރިކަން ވަޒީފާ، މިހެން ހުރިކަންކަން ހާސިލޭވާނީ، ޗެމްޕިއަނުންނަށް ވެގެންދާނީ މާލޭގެ ރައްޔިތުން'' ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންކުރެ އެންމެ ތަޢުލީމާއި، ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކެނޑިޑޭޓަކީ ޑރ. މުޢިއްޒުއެވެ.