މިދުވަސްވަރު ރާއްޖޭގެ އުތުރުގައިވަނީ އާދަޔާ ހިލާފު ރަނގަޅު މަސްވެރިކަމެއް އުފެދިފައިކަމަށާއި، އެއްވެސް ކޮންޓްރޯލް ކުރުމެއް ނެތި، އެއްވެސް ދޯންޏެއް ދޫކޮށް ނުލާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ކިރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯ އިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ރަނގަޅު މަސްވެރިކަމެއް އުފެދިފައިވަނީ މީގެ މަހެއްހާ ދުވަސްކުރިންކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

Ad
rt

"މިދުވަސް ވަރު ރާއްޖޭގެ އުތުރުގައިވަނީ އާދަޔާ ހިލާފަށް ރަނގަޅު މަސްވެރިކަމެއް އުފެދިފައެވެ. މަހެއްޖާ ދުވަސް ކުރީއްސުރެން އުގެދިފައިވާ މަސްވެރިކަމުގައި މިފްކޯއިން ދަނީ ކޮންޓްރޯލް ކުރުމެއްނެތި އަދި އެއްވެސް ދޯންޏެއް ދޫކޮށްނުލާ ހުރިހާ މަހެއް ކިރަމުންކަން ދަންނަވަން." މިފްކޯގެ ޓްވީޓުގައިވެއެވެ.

އެކުންފުނިން މިހެން ބުނެފައިވާއިރު، މަސްވެރިންނަށް މަސް ކިރޭނެ އިންތިޒާމެއް ނެތި އެފަރާތްތައް ބާނާ މަހަށް ހަމަ އަގު ނުލިބޭކަމުގެ ޝަކުވާ ގިނަ އަދަދެއްގެ މަސްވެރިންނާއި އަދި އެހެން ފަރާތްތަކުންވެސް ދަނީ ކުރަމުންނެވެ.

އެގޮތުން، މިދިޔަ މަހުގެ ފަހުކޮޅު، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުށީ މަސްވެރިން ބާނާ މަސް ކިރުމަށް ދަތިތަކެއް ކިރިމަތިވަމުންދާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލަ މިފްކޯއާ ހިއްސާކުރުމުން، އެކުންފުނިން ބުނެފައިވަނީ އެކުންފުނީގައި މި ވަގުތު އޮތީ މަސް ކިރޭ އެންމެ ބޯޓެއްކަމަށެވެ.