ހދ. ނޮޅިވަރަމު ސަރުކާރު މުއައްސަސާތަކުގެ މެދުގައި، ''ޕޮލިސް މަސްރޭސް 2021'' ގެ ނަމުގައި މަސްރޭހެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަސްރޭހަކީ ނޮޅިވަރަމު ޕޮލިސް ސްޓޭޝަންއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސްރޭހެކެވެ.
މި މަސްރޭސް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ނޮޅިވަރަމުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި އެކުވެރިކަން އިތުރަށް ދެމެހެއްޓުން ހިމެނެއެވެ.
މީގެއިތުރުން ސަރުކާރު މުއައްސަސާތަކަކީ ގުޅިގެން މަސައްކަތްކުރާ އަދި މަސައްކަތްކުރެވޭނެ ބައެއްކަން ސާބިތުކޮށްދިނުމާއި، ވާދަވެރިކަމުގެ ތެރެއިން އެކުގައި މަސައްކަތްކުރުމުގެ ރޫޙް އާލާކުރުންވެސް މި މަސްރޭސް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ، މި ހިނގާ މާރިޗް މަހުގެ 15 ވަނަ ދުވަހު އެވެ. މި މަސްރޭހުގައި ބައިވެރިވި މުއައްސަސާތަކުގެ ޓީމުތައް ނޮޅިވަރަމް ބަނދަރުން ފުރީ އެދުވަހުގެ ހަވީރު 16:30ގައެވެ. އެނބުރި އައީ އެރޭ 21:30 އަށެވެ.

ނޮޅިވަރަމް ކައުންސިލް، ނޮޅިވަރަމް ސްކޫލް، ނޮޅިވަރަމް ހެލްތް ސެންޓަރ އަދި ފެނަކަ ނޮޅިވަރަމް ބްރާންޗް އިން ކޮންމެ މުއައްސަސާއަކުން 1 ޓީމް ބައިވެރިވެގެން ކުރިއަށްގެންދެވުނު މި މަސްރޭސްގައި އެންމެ ގިނަ މަސްބޭނި ފަރާތަކަށް ހޮވިފައިވަނީ، 11 މަސް ބާނައިގެން ފެނަކަ ޓީމްގެ ޙުސައިން ޢަލީ އެވެ.

މި މަސްރޭހުގައި އެންމެ ބަރުމަސްބޭނި ފަރާތަކަށް ހޮވިފައިވަނީ 4.8 ކިލޯގެ މަހެއް ބާނައިގެން، ކައުންސިލް ޓީމްގެ ރަޙްމަތުﷲ ޝަހީދުއެވެ.
ޖުމުލަ ބޭނި މަހުގެ ބަރުދަނުން އެންމެ ގިނަ މަސް ބޭނި ފަރާތަކަށް ނޮޅިވަރަމް ސްކޫލް ހޮވިގެން މުބާރާތުން އެއްވަނަ ހޯދާފައިވަނީ 37 ކިލޯގެ މަސް ބާނައިގެން ސްކޫލްގެ ޓީމެވެ.

މި މަސްރޭހުގައި ހުރިހާ މުއައްސަސާއެއް ބޭނި މަހުގެ ޖުމުލަ ބަރުދަނުގައި 115.5 ކިލޯ ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!