ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން މަސައްކަތެއް ކުރުމަށްޓަކައި ކުޅުދުއްފުށީ ސިޓީއަށް ދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ''ތިލަދުން''އަށް ވިދާޅުވީ، ރަސްމީކޮށް ނޫންނަމަ ވެސް އެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ޕޮޒިޓިވްވި ބިދޭސީ މީހާއަކީ 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެއައި މީހެއް ކަމަށާއި، އެމީހާ ކުޅުދުއްފުއްޓަށް ދަތުރުކުރީ މާލޭން ވެސް ކޯވިޑްއަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.
''އެމީހާ މިރަށަށް އައުމާއެކުހެން މާލެއިން ނެގި ސާމްޕަލްގެ ނަތީޖާ ލިބިއްޖެ ކަމަށް ވަނީ، އެ ނަތީޖާއިން ޕޮޒިޓިވްވިކަން އެނގުމުން އޭނާ މިހާރު ހުރީ ކަރަންޓީނު ކުރެވިފައި، އޭނާއާއި އިތުރު ޑައިރެކްޓް ކޮންޓެކްޓެއްވެސް ނެތް، އެހެންވީމަ ރަށް މޮނިޓަރިންނަށް ލުންކަހަލަ ކަމެއްވެސް ނެތް'' ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އެމީހާ އަމަލުކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށީ ސިޓީއަށް ދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު ހއ. އަމާންވެށިން އިތުރު މީހެއް ޕޮޒިޓިވްވެ އެތަނުން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 16 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!