ހދ. ހިރިމަރަދޫގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހދ. ހިރިމަރަދޫ، ހިޔާވަހި އަހުމަދު ނަބީހު ފެބްރުއަރީ، 2016 ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް އެރަށުން އޭނާ ހައްޔަރުކޮށް ސުވާލު ކުރުމަށް ފަހު އެރަށު ހޮޅުއަށި ސަރަހައްދުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނުމުން އެ ސަރަހައްދުގައި ހުރި ހޮޅުގަނޑެއްގެ ތެރެއިން ފުލުހުންނަށް އޭނާ ދެއްކި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނެވެ.

Ad
rt

އަދި އެރަށު ދެކުނު ފަރާތުގައި ހުރި ގަސްތަކެއްގެ ތެރެއިން އޭނާ ފުލުހުންނަށް ދެއްކި ޗިޕްސް ދަޅުތަކަކުން ވެސް މަސްތުވާތަކެތި ފެނުނެވެ. އެތަކެތީގެ ބަރުދަން އަރަނީ 20 ވަރަކަށް ގްރާމަށެވެ.

ނަބީހުގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހިރިމަރަދޫ ކޯޓުން ހުކުމްކުރި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ހުކުމްކުރީ އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ޖޫރިމަނާ ކުރަން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ނަބީހުގެ ކުށުގެ ރެކޯޑެއް ނެތަސް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ގާނޫނު އޮތްގޮތުން ދެވޭނެ އެންމެ ކުޑަ އަދަބަކީ ވެސް އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުން ކަމަށެވެ.

ކެނަބިހުގެ ބަރުދަން 14 ގްރާމަށް ވުރެ މަތިވާ ނަމަ އެއީ ޓްރެފިކް ކުރުން ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަލަ އެވެ. އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރުމެވެ.