ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ބަޔަކަށް، އެރަށުގެ ގޮނޑުދޮށުން 2 ކޮތަޅު މަސްތުވާތަކެތި ފެނިއްޖެއެވެ.

މި 2 ކޮތަޅު މަސްތުވާތަކެތި ފެނުނީ ތ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ''ފިނޮޅު''އިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ad
rt

ފުލުހުން ވިދާޅުވީ، ތ. ފިނޮޅަހު ކިޔާ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ބަޔަކަށް އެރަށު ގޮނޑުދޮށުން މަސްތުވާތަކެއްޗަށް ޝައްކުވާ އެއްޗިހިތަކެއް އަޅާފައި ހުރި ދެ ކޮތަޅު ފެނިފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބުނީ ރޭ އިރުއޮއްސި 7:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުން އެރަށަށް ގޮސް، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،"- ފުލުހުން ވިދާޅުވިއެވެ.

ފަޅުރަށަކަށް ދަތުރު ދިޔަ ބަޔަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ކޮތަޅު ފެނުނުއިރު މަސްތުވާ ތަކެތީގެ ވިޔަފާރިއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ބަޔަކު ހިންގަމުންދާ ވިޔަފާރިއެކެވެ. އެކަމުގެ ސަބަބުން ގައުމުގެ ޒުވާންޖީލަށް ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހި، ގިނަ އިޖުތިމާއީ މައްސަލަތަކެއް ދަނީ ފުނިޖެހެމުންނެވެ.