ގިނަ ޢަދަދެއްގެ ކޯވިޑް-19 ޕޮޒިޓިވް ކޭސްތައް ފެންނާތީ ކަމަށްބުނެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާ ހާލަތުގައި މާލެ އޮއްވައި، ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަން ރަށްރަށަށް ދަތުރުކުރެވޭގޮތަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އުސޫލަށް ބަދަލުގެނައުމަކީ ހަމަޖެހޭކަމެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ސައްލެ މިހެން ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރަށްރަށަށް ކެމްޕެއިން ކުރުމަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން ރޭ އާންމުކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ސައްލެ ވިދާޅުވީ، ގިނަ ޢަދަދެއްގެ ކޯވިޑް-19 ޕޮޒިޓިވް ކޭސްތައް ފެންނަކަމަށް ބުނެ މާލެ އޮތީ ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާ ހާލަތުގައި ކަމަށެވެ. އެހާލަތުގައި އޮއްވާ އެޗްޕީއޭގެ އުސޫލަށް ބަދަލުގެނެސް، ރަށްރަށަށް ކެމްޕޭނަށް ދެވޭގޮތަށް ހެދުމަކީ ހަމަޖެހޭ ކަމެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސައްލެ ވިދާޅުވިއެވެ.

''ގިނަ ޢަދަދެއްގެ ކޯވިޑް-19އަށް ޕޮޒިޓިވްވެ ކޭސްތައް ފެންނާތީ ކަމަށްބުނެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާ ހާލަތުގައި މާލެ އޮއްވައި، ކެމްޕޭން ކުރަން ރަށަށް ދެވޭގޮތަށް އުސޫލްއައުމަކީ ހަމަޖެހޭ ކަމެއްކަމަށް ގަބޫލެއް ނުކުރެވޭ''- ސައްލެ

ސައްލެ މިގޮތަށް ވިދާޅުވެފައިވާއިރު، ކަރަންޓީނާއި ނުލައި މާލެއިން ކެމްޕޭނަށް 5 ދުވަހުގެ މުއްދަތަށް ދެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އެޗްޕީއޭއިން ރޭ ވަނީ އެކަން އާންމުކޮށްފައެވެ.

ކޯވިޑް-19ގެ މިޙާލަތުގައި ރާއްޖޭގައި މިބަލި ފެތުރޭ ޙާލަތެއްއޮތް މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދާ މީހުން ޢަމަލުކުރާނެ އުސޫލުގައި ޚާއްސަ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދާ މީހުން 5 ދުވަހަށްވުރެ ގިނަ ދުވަހަށް ދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.

ރޭ އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް އެޗްޕީއޭއިން އީމެއިލުން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެދަތުރުކުރާ ރަށެއްގެ ކައުންސިލާ ހިއްސާ ކުރަންޖެހޭއިރު، ދަތުރުކުރުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތަށް ބަލައިރު ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ. އުޞޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރ ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައިވެއެވެ.