އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިންގަތުމަށްޓަކައި، މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިގޮތަށް ނިންމިކަން ހާމަކުރީ ރޭ ނެރުނު ''ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމާބެހޭ ޤަރާރު'' އިން ނެވެ.

Ad
rt

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި، ރޭ ނެރުނު ގަރާރުގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވާ މިހާލަތުގައި، އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މި ވެކްސިންއަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިން އަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައި ވީހިނދު، އަދި ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމި ހިނދު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 1.02-1 ވަނަ މާއްދާއިން، އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، އިސްވެ ދެންނެވުނު އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ތިރީގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް ނިންމައިފީމެވެ.''

އެ ގަރާރުގައި ބުނެފަ ވެއެވެ.

މާލިއްޔަތުގެ ގަވާއިދުން އަމަލުކުރަން ނުޖެހޭގޮތަށް ކަނޑައެޅި މާއްދާތައް

(ހ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.43 ވަނަ މާއްދާގެ
(ށ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.52 ވަނަ މާއްދާގެ
(ނ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.67 ވަނަ މާއްދާ
(ރ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.71 ވަނަ މާއްދާ

މި ޤަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް ޢަމަލު ކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑް އާއި ސިރަމް އިންސްޓިޓިއުޓް
އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަށް ކަމާއި، އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް ނިންމައި، އެކަން އިޢުލާނުކުރާކަމަށް ވެސް އެ ގަރާރުގައި ބުނެފަ ވެއެވެ.

އިތުރަށް އެ ގަރާރުގައި ބުނީ، އެ އެއްބަސްވުމުގެ ދަށުން ކުރާ ޚަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށް ގެންދާނެ ކަމަށާއި، އެ ޚަރަދުތައް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރު ވެރިޔާ ޚާއްޞަ ސަމާލުކަމެއް ދީގެން ބެލުމަށް އަންގާ ކަމަށެވެ.

ދިވެހި ސަރުކާރުން އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ގަންނަން ނިންމިއިރު، އެ ގައުމުން ވަނީ2 ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާ ވެސް ކޮށްފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ދެމުންދަނީ އެ ވެކްސިނެވެ.

މީގެއިތުރުން ޗައިނާއިން ވެސް ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިންގެ 2 ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރަން ވަނީ ނިންމާފައެވެ. އަދި އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޯވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި އެބަހުއްޓެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން މިމަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ވަނީ ވިދާޅުވެފަ އެވެ.