އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމް އެތަނުގެ މުވައްޒަފުންނަށް ފުރައްސާރަކުރުމާއި ބިރު ދެއްކި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޮންލައިން ނޫހަކުން ޚަބަރު ގެނެސް ދިނުމާއި ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް ބާއްވައިފިއެވެ.
އީސީން ބުނީ، އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމްގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ސަން މީޑިއާގައި އާންމުކޮށްފައިވާ ޚަބަރާ ގުޅިގެން ރޭ އެ ކޮމިޝަނުން ކުއްލި ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ.
މި ޖަލްސާގައި، ނައިބު ރައީސްއާއި ގުޅިގެން މިހާތަނަށް އެ ކޮމިޝަނުގެ ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް މައްސަލައެއް ހުށަހެޅިފައިނެތަސް، އެފަދަ މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ކަމާބެހޭ ކޮމިޓީތަކަށް ހުށަހެޅުމަށް މުވައްޒަފުންނަށް އެންގުމަށް ނިންމިކަމަށް އީސީން ބުނެއެވެ.
''ކޮމިޝަނުގެ ނައިބު ރައީސް ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރިކަމަށް ބުނާ މައްސަލައެއް
އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް މީޑިއްގައި ރިޕޯޓުކުރުމާއި ގުޅިގެން އެ މައްސަލައިގެ ޙަޤީޤަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން، ކޮމިޝަނުގެ ނައިބު ރައީސް މި ކޮމިޝަނުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ހިންގާފައިނުވާކަން ވަނީ ކަށަވަރުވެފައެވެ.''- އީސީން ބުނެފަ ވެއެވެ.
އޮންލައިން ނޫހެއްގައި ބުނެފައިވާގޮތުން އީސީގެ ނައިބު ރައީސް ޙަބީބްގެ މައްޗަށް ތުހުމަތުތަކެއްކޮށް އީސީގެ ދެ މުވައްޒަފަކު ވަނީ މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.
މިއީ އީސީގެ މެންބަރެއްގެ ގޮތުގައި ހަބީބް ފުރުއްވާ ދެ ވަނަ ދައުރެވެ. އެ ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހްމަދު އަކުރަމަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގެ ސަބަބުން ކޮމިޝަނުން އިސްތިއުފާ ދެއްވުމުން އީސީގެ ނައިބު ރައީސް ކަމަށް އައްޔަނުކުރެވުނު ހަބީބާއިމެދު މީގެ ކުރީން މިފަދަ މައްސަލަތަކެއް ފެންމަތިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!