ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރެއްގެ އޯގަސްޓް މަހުކަމަށް ހަމަޖައްސައިފިއެވެ.
އެކަން ހާމަކުރެއްވީ، މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އާ ދިރާސި އަހަރުގެ ކިޔެވުން އޯގަސްޓު މަހުގައި ފަށާއިރު ބޮޑު ޗުއްޓީ ލިބޭނީ ޖޫން ފަހުކޮޅުގައި ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑިސެމްބަރު ފަހުކޮޅުގައި ދެ ހަފްތާ ނުވަތަ ތިން ހަފްތާ ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެކެޑެމިކް ކަލަންޑަރަށް މި ބަދަލުތައް ގެނައީ އޭގެ އަސަރު ކުރާނެ ފަރާތަކާއި ވާހަކަ ދެއްކެވުމަށްފަހުގައި ކަމަށާއި، މިކަމާއި ގުޅިގެން ސާވޭއަކާއި ދިރާސާއެއް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އަހަރަށް ބަދަލު ގެނެސްފައި މިވަނީ ގިނަ ބަޔަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި ސަރުކާރާ ހަވާލުވިއިރު ވެސް ގިނަ ބަޔަކު ވަނީ ދިރާސީ އަހަރު ބަދަލުކޮށްދިނުމަށް އެކި ފަހަރު މަތިން މިނިސްޓްރީގައި އެދިފައިކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!