ބޮޑުތިލަދުންމަތީގައި ގާއިމުކުރާ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފިއެވެ.
މިގޮތުން އެ ސާވޭ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)ގެ ޓީމެއް މިއަދު ވަނީ އެ ސަރަހައްދަށް ދަތުރު ކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، ހއ. ހދ. އަދި ށ އަތޮޅުގައި އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން ސަރވޭކުރުމަށް، އެ މިނިސްޓްރީއާއި، އެމްޓީސީސީގެ ޓީމު ފުރަތަމަ ގޮސްފައި ވަނީ ހއ. ހޯރަފުއްޓަށް ކަމަށެވެ.
އެރަށުގައި ސާވޭގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގެ ލޯކަލް ކައުންސިލްތަކާއެކު މަޝްވަރާތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވިދާޅުވެއެވެ.
މި ސާވޭއަށް މިއަދު ޒިޔާރަތްކުރަން ތާވަލުކޮށްފައި ވަނީ ތުރާކުނު، ހއ. އަތޮޅުގެ އުލިގަމް، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ އަދި އުތީމަށެވެ.
ބޮޑުތިލަދުންމަތީގައި ގާއިމުކުރާ އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާރކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތުގެ އެއްބަސްވުމުގެ ދަށުން ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހައި-ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް، ޕްލޭނިން މިނިސްޓްރީއާއި، އެމްޓީސީސީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ހުސްވި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
#Highlights of the survey team visit to Ha. Hoarafushi for preparations towards implementing Phase 1 of the "Integrated National Public Ferry Network Project".#MTCCTransport #RayyithungeKunfuni pic.twitter.com/c561Ss79vt
— MTCC Plc (@MTCCPlc) March 6, 2021
އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، ބޮޑުތިލަދުންމަތީގައި ގާއިމުކުރާ އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރ ވޯރކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތުގެ
އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ. ހދ. އަދި ށ. އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ޚިދުމަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
މި ފިޔަވަހީގެ ޖުމްލަ އިންވެސްޓްމެންޓަކީ 157 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ މި މަސައްކަތް ފެނުމުގެގޮތުން ސަރުކާރުން އިންވެސްޓްކުރުމަށް އެއްބަސްވެފައިވާ ޢަދަދު ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެފަ ވެއެވެ.
ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަން ހާމަކުރަށްވައި، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި ހައި ސްޕީޑް ފެރީނިޒާމެއްގެ ޚިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޞާލިޙް ޢިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިސްއަށް މިދިޔަ އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި އެވެ. އަދި އެ މަޝްރޫޢު ހިންގުމަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓްގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނުއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!