ދެހާސް ނަވާރަވަނަ އަހަރު އެއް ބިލިއަން ޓަނާ ގާތަ ކުރާ އަދަދަކަށް ކާނާ އުކާލާފައިވާ ކަމަށް އދ. ގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

އދ. ގެ މި ރިޕޯޓު ދައްކާގޮތުގައި އެ އަހަރު ޖުމްލަ އުކާލާފައިވަނީ 931 މިލިއަން ޓަނުގެ ކާނާއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް އުކާލާފައިވަނީ ވަކި ވަކި ގޭބިސީތަކުންނެވެ. ގޭބިސީތަކުގެ އިތުރުން ރީޓެއިލަރުންނާއި ރެސްޓޯރެންޓް ފަދަ ކާނާގެ ބާވަތްތައް ތައްޔާރު ކުރާ ތަންތަނުންވެސް ގިނަ އަދަދެއްގެ ކާނާ އުކާލާއެވެ.

Ad
rt

މި ރިޕޯޓު ލަފާ ކުރާ ގޮތުގައި އެ އަހަރު އުކާލާފައިވަނީ މުޅި ދުނިޔޭގައި ލިބެން ހުރި ކާނާގެ 17 އިންސައްތައެވެ. އަދި 14 އިންސައްތަ ކާނާ ތައްޔާރުވުމުގެ ކުރިން އުކާލާ ކަމަށްވެސް މި ރިޕޯޓުން ދައްކައެވެ.

މީގެ ކުރިން ހެދި ދިރާސާތަކުން ކާނާ އިސްރާފު ކުރަނީ މުއްސަނދި ގައުމުތަކުން ކަން ވަނީ ފާހަގަވެފައެވެ. ނަމަވެސް މިހާރު ފަގީރު ގައުމުތަކުގައި ވެސް ކާނާ އިސްރާފުވާ މިންވަރު އިތުރު ކަމަށް ދިރާސާއިން ދައްކައެވެ. ނަމަވެސް މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގައި ކާނާ އިސްރާފުވާ ސަބަބުތައް ފުރިހަމައަށް ދިރާސާ ކުރެވިފައި ނުވެއެވެ.

ޔޫއެންއީޕީން ދަނީ 2030 އަންނަންވާ އިރަށް ދުނިޔެއިން އިސްރާފު ކުރާ ކާނާގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދު ކުރަން ގައުމުތަކަށް ހިތްވަރު ދެމުންނެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތާއި ތިމާވެއްޓާއި ދިރުންތައް ރައްކާތެރި ކުރަން މުހިއްމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.